މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ފާޅުގައި އިސްލާމްދީނަށް ގޮވައިލައްވަން ފެއްޓެވެމުން މައްކާގެ މުޝްރިކުންގެ ރުޅިވެރިކަން އިހުނަށްވުރެ އިތުރުވިއެވެ. އެހެންކަމުން އިސްލާމްވާ މީހުންނަށް ބޮޑެތި އަނިޔާދީ އެބައިމީހުން ދީނުން ބޭރުކޮށްލެވޭތޯ އެތައްމަސައްކަތެއް ކުރިއެވެ.
ނަމަވެސް އެއްވެސް އާލެއްވާލެއް ނެތް ބަލިކަށި މުސްލިމުންނާއި މެދު ކަންތައްކުރާފަދައިން ކީރިތި ރަސޫލާ އާއި މެދު ކަންތައް ކުރާކަށެއް ނުކެރުނެވެ. ސަބަބަކީ أَبُوطَالِب ގެފާނެވެ. އެބައިމީހުންގެ ތެރޭގައި އަބޫތާލިބުގެފާނުގެ މަޤާމާއި އެކަލޭގެފާނުގެ ޝަރަފުވެރިކަމާއި ޖާހުގެ ސަބަބުންވެެ. އެކަލޭގެފާނު ކީރިތިރަސޫލާ އާ މެދު އޯގާތެރިވެވަޑައިގެން އެކަލޭގެފާނު ޙިމާޔަތް ކުރައްވަމުން ގެންދަވާތީއެވެ.
އެހެންކަމުން މާތް ނަބިއްޔާ އެކަލޭގެފާނުގެ ގޮވައިލެއްވުމާއިގެން ކުރިޔަށްވަޑައިގެންނެވިއެވެ. މުޝްރިކުންގެ ކަލާނގެތަކަށް ދެރަބަސް ވިދާޅުވެ އޭގައިހުރި ދެކޮޅުނުޖެހުންތަށް މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އެކަމުގެ ސަބަބުން އެމީހުންގެ ކަލާނގެތަކުގެ ބަލިކަށިކަން ފައުޅުވެ އެކަލޭގެފާނުގެ ކަންތައް ކުރިއަރައިދާ މަންޒަރު މިބައިމީހުންނަށް ފެނުން އެއީ އެބައިމީހުންނަށް ބަރުދާސްތުކުރެވޭ ވަރުގެ ކަމަށް ނުވިއވެ. އެހެންކަމުން ޤުރައިޝުންގެ ތެރެއިން ބޮޑުންގެ ބަޔަކު أَبُوطَالِبގެފާނު ގެ އަރިހަށް ދިޔައެވެ. އެމީހުންދެންނެވިއެވެ.
”އޭ أَبُوطَالِبގެފާނެވެ. ކަލޭގެފާނުގެ އަޚުކަލޭގެފާނުގެ ދަރިކަލުން އަހަރެމެންގެ ދީނަށް ބަދުބަސް ވިދާޅުވެ، އަހަރެމެންގެ ބުއްދި ގޯސްކަމަށް ހައްދަވައިފިއެވެ. އަދި ކާބަފައިން ތިބީ މަގުފުރެދިފައިކަމަށް ވިދާޅުވެ ދީނަށް ޢައިބު ބަސް ވިދާޅުވަނީއެވެ. މިކަން ހުއްޓުވައި ދެއްވާށެވެ. އެހެންނޫނީ ކަލޭގެފާނާއި އެކަލޭގެފާނާ އަހަރެމެންނާ ހަނގުރާމަ ކުރައްވަންވީއެވެ. އޭރުން ދެބައިމީހުންގެ ތެރެއިން އެއްބަޔަކު ހަލާކުވެ ހިނގައިދާނެތާއެވެ.“ މިވާހަކަތަކަށްފަހު ޤުރައިޝުން أَبُوطَالِبގެފާނުގެ އަރިހުން އެނބުރި ހިނގައްޖެއެވެ.
ކޮންމެއަކަސް މިކަމާ أَبُوطَالِبގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގަތެވެ. އެހެނީ ޤައުމުގެމީހުންނާ ދެކޮޅުވެރިވެ، އެމީހުންނާ ވަކިވެވަޑައި ގަތުމަކީ އެކަލޭގެފާނަށް އާދައިގެ ކަމަކަށް ނުވިއެވެ. އަމުދުން މާތްނަބިއްޔާ ދޫކޮށްލެއްވުމަކީ އެކަލޭގެފާނަށް އެއްވެސް ހާލެއްގައި ބަރުދާސްތުކުރެވޭފަދަ ކަމަކަށް ނުވިއެވެ. އެހެންކަމުން މާތްނަބިއްޔާ ބަލައި މީހަކު ފޮނުއްވައިގެން ގެންނަވައި ވިދާޅުވިއެވެ.
”އޭ އަޚާގެ ދަރިކަލުންނޭވެ! ކަލޭގެފާނުގެ ޤަޢުމުގެ ބޮޑުންތައް ތިމަންކަލޭގެފާނުގެ ގާތަށް އައިސް އެވެނި މިވެނި ގޮތަކަށް ވާހަކަ ދައްކައިފިއެވެ. އެހެންކަމުން ކަލޭގެފާނުވެސް ކަލޭގެފާނުގެ އަމިއްލަ ނަފުސުގެ މައްޗަށް ކޮންމެވެސްވަރަކަށް އޯގާތެރިވެ ވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނަށްވެސް ނުކުޅަދާނަވެގެންވާ ކަންތައްތައް އުފުއްލަން ނުޖައްސަވާށެވެ.“
ދެންފަހެ އަބޫތާލިބްގެފާނުގެ މިބަސްފުޅުތަކުގެ އަޑު އިވިވަޑައިގަތުމުން މާތްނަބިއްޔާ ހީފުޅުކުރެއްވީ أَبُوطَالِبގެފާނު އެކަލޭގެފާނަށް ނަޞްރުދެއްވުން ހުއްޓާލެއްވީކަމަށެވެ. އަދި މުޝްރިކުންނަށް އެކަލެގެފާނު ދޫކޮށްލެއްވީކަމަށެވެ. އެހެންކަމުން ޙަދީޘް ކުރެއްވިއެވެ.
”އޭ ބޮޑުބޭބޭފުޅާއެވެ! މާތް الله ގަންދެއްވައި ވިދާޅުވަމެވެ. އެބައިމީހުން ތިމަން ކަލޭގެފާނުގެ ކަނާތުގައި ހަނދު ބަހައްޓައި ވާތުގައި އިރުުގެނެސް ބެހެއްޓިކަމުގައި ވިޔަސް ތިމަންކަލޭގެފާނު މިކަންތައްތައް ހުއްޓަވައެއް ނުލައްވާނަމެވެ. އެކަމާއިހުރެ ތިމަންކަލޭގެފާނުގެ ހަލާކުވެދިޔަޔަސް ފަރުވާލެއްނެތެވެ.“
މިބަސްފުޅުތައް ވިދާޅުވުމަށްފަހު ކީރިތިކުރައްވަމުން އެނބުރި ވަޑައިގަންނަވަނިކޮށް އަބޫތާލިބުގެފާނު ވިދާޅުވިއެވެ. ”އޭ އަޚާގެ ދަރިކަލުންނޭވެ! މިކޮޅަށް ވަޑައިގެން ބައްލަވާށެވެ.“ ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން ވިދާޅުވިއެވެ. ހިތްޕުޅު ހަމަޖައްސަވައިގެން ކަލޭގެފާނުގެ ގޮވައިލެއްވުމާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. އަޅުގަނޑު ދިރިހުރިހާ ދުވަހަކު ކަލޭގެފާނު އެމީހުންނަކަށް ދޫކޮށެއް ނުލައްވާނަމެވެ.“
ކޮންމެއަސް އަބޫތާލިބްގެފާނު ކީރިތިރަސޫލާ އެކަނިވެރިކޮށް ދޫކޮށްލައްވަން އިންކާރު ކުރައްވައި، ގުރައިޝުންގެ ހުށަހެޅުން ބޮލާލައި ޖެއްސެވުމުން އެބައިމީހުން އެމީހުންގެ ތެރެއިން ޒުވާނަކުކަމުގައިވާ عَمَّار بُن الوَلِيْد بُن الُمغِيْرة ގޮވައިގެން އަބޫތާލިބުގެފާނުގެ އަރިހަށް ދިޔައެވެ. އަދި ދެންނެވިއެވެ. ”މިހިރީ ޤުރައިޝް ވަންހައިގައި ހުރި އެންމެ ރިވެތި ޒުވާނާއެވެ. އަދި އެންމެ ގަދަފަދަ އެންމެ ޅަނދޮޅު ޒުވާނާއެވެ. މީނާ ކަލޭގެފާނުގެ ދަރިކަލަކަށް ހައްދަވާށެވެ. އަދި އަހަރެމެންގެ ދީނާ ދެކޮޅުހައްދަވައި، ޤައުމުގެ ޖަމާޢަތްތައް ބައިބައިކޮށް ކާބަފައިންނަށް ބަދުބަސް ރައްދުކުރާ، ކަލޭގެފާނުގެ އަޚުކަލޭގެފާނުގެ ދަރިކަލުން އަހަރެމެންނާއި ހަވާލުކުރާށެވެ. އަދި އަހަރެމެން އޭނާ ޤަތުލުކުރުމަށް ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން މީހަކަށް މީހެކެވެ.“ އެހިނދު أَبُوطَالِبގެފާނު ވިދާޅުވިއެވެ.
ތިޔަބައިމީހުންގެ ބުއްދިޔާ މެދު އަހުރެން ޢަޖާއިބު އަންތަރީސް ވަމެވެ. ތިމަންކަލޭގެފާނުގެ ދަރިކަލުން ތިޔަބައިމީހުންނާއި ހަވާލުކުރަންވީ ތިޔަބައިމީހުން އޭނާ ޤަތުލުކުރާށެވެ. ތިޔަބައިމީހުންގެ ދަރި ތިމަންކަލޭގެފާނުވީ ކާންދީ ބަލައިބޮޑު ކުރާށެވެ. ތިޔައީ މާރަނގަޅު ވިޔަފާރިއެކެވެ. ތިޔައީ އެއްގޮތަކަށްވެސް ވާނެކަމެއް ނޫނެވެ. އެހިނދު އެތަނުގައި ހުރެފައި ”مُطْعِم بُن عَدِىّ بُن نَوْفَل بُن عَبْد مَنِاف بُن قُصى ބުންޏެވެ. “އޭއަބޫތާލިބުގެފާނެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނަށް އިންޞާފުކޮށްފިއެވެ. އެއީ ކަލޭގެފާނު ރުހިވަޑައިނުގަންނަވާނޭ ކަމެއް އެމީހުންގެ ފަރާތުން ވެވިދާނެތީއެވެ. ކަލޭގެފާނު އެހެން އެއްވެސް ގޮތެއް ޤަބޫލު ކުރައްވާކަށެއް އުޅުއްވާތީއެއް ނުފެނެއެވެ. أَبُوطَالِبގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެއްވެސް އިންޞާފުގެ މަގެއް ނުދައްކަމުއެވެ. ތިޔަބައިމީހުން ތިޔައައީ އެންމެން އެއްބަސް ކިޔައިފައި ތިމަންކަލޭގެފާނުގެ މައްޗަށް ގަދަވެގަތުމަށް ޤަޞްދުކޮށްގެންނެވެ. ކަލޭމެން ކުރާނެކަމެއް ކޮށްބަލާށެވެ.”
ކޮންމެއަކަސް ޤުރައިޝްވަންހައިގެ މީހުން أَبُوطَالِبގެ ފާނުގެ ގަނޑުވަރުން ނިކުމެގެން ދިޔައީ އެމީހުންނަށް ވެވުނުގޮތަކުން އިސްލާމީ ދަޢުވަތު ފެތުރުނަ ނުދިނުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. ކޮންމެ ޤަބީލާއަކުންވެސް އެޤަބީލާއެއްގައި ތިބި މުސްލިމުނަށް އިތުރު ޢަޛާބުދީ ދީނުން ބޭރުކޮށް ފިތުނަވެރި ކުރުވުމަށްވެސް ޢަޒުމް ކަނޑައަޅައިގެންނެވެ. أَبُوطَالِبގެފާނު ޤުރައިޝްވަންހައިގެ މީހުންގެ ކިބައިން މިފަދަގޮތްތަކެއް ފެނިވަޑައިގަތުމުން ހާޝިމް ދަރިކޮޅު މިހުންނާއި މުއްޠަލިބު ދަރިކޮޅު މީހުން އެއްކުރައްވައި، ކީރިތި ރަސޫލާ ނިކަމެތިކޮށް ޤުރައިޝް ވަންހައިގެ މީހުންނަށް ދޫނުކުރުމަށާއި، އަދި އެކަލޭގެފާނު ހުންނެވިގޮތުގައި ތިބުމަށް ގޮވައިލެއްވިއެވެ. އެހިނދު أبولهب ފިޔަވައި އެހެން އެންމެންވެސް އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އިޖާބަދިނެވެެ.
ކޮންމެއަކަސް قُرَيْش ވަންހައިގެ މީހުންނަށް އެމީހުން މުސްލިމުންނަށް ކުރަމުންދިޔަ އަނިޔާތަކުން އެމީހުންގެ މަޤުޞަދު ހާސިލްވާ ގޮތް ނުވުމުން އެބައިމީހުންގެ ބޮޑުންގެ ކައުބަތުﷲ ގެފުޅުކައިރިޔަށް ޖަމައުވިއެވެ. އަދި މެދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. މިބައްދަލުވުމުގައި، އެމީހުންގެ ތެރޭގައި ބަސްވިކޭ ހަރުކުލައިގެ މީހެެއްކަމަށްވާ ބަނީ އަބުދު ޝަމްސު ބުން އަބުދު މަނާފް ވަންހައިގެ ސާހިބާ ޢުތުބަތު ބުން ރަބީޢަތު ބުންޏެވެ. ”އަހުރެން މުޙައްމަދުގެފާނާ ވާހަކަދައްކައިގެން އެކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ޙައްލެއް ތިޔަކަމުގައި ލިބޭތޯ ބަލާފާނަމެވެ. މިހެން ބުނެފައި މާތް ނަބިއްޔާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.
”އޭ އަޚާގެދަރިކަލުންނޭވެ! މީގެކުރިން ކަލޭގެފާނު ތިޔަ ގެންނެވިފަދަ ކަމެއް ތިމަންމެންގެ ތެރެއަށް އެއްވެސް މީހަކު ގެނެސްފައެއް ނެތެވެ. ކަލޭގެފާނުވަނީ އަޅުގަނޑުމެންގެ ތެރެއިންވާ ނަސަބުންވެސް ޚިޔާރު ކުރެވިގެންވާ ބޭކަލެކެވެ. ކަލޭގެފާނު ތިމަންމެންގެ ތެރެއަށް ތިޔަގެންނެވީ ވަރަށް ބޮޑުކަމެކެވެ. އެކަމުގެ ސަބަބުން ޖަމާޢަތްތައް ވަކިވަކިވެއްޖެއެވެ. ހުވަފެންތައް ވިއްސިވިހާލި ވެއްޖެއެވެ. ދީނަށާއި ކަލާނގެތަކަށް ކަލޭގެފާނު عَيْب ވިދާޅުވަމުއެވެ. އަދި އިސްވެގޮސްފައިވާ ކާބަފައިންނަކީ ކާފިރުންކަމުގައި ކަލޭގެފާނު ހައްދަވއިފީމުއެވެ. ކަލޭގެފާނު އަޑުއައްސަވާށެވެ. އަޅުގަނޑު ކަލޭގެފާނު އެދިވަޑައިިގަންނަވާފަދަ ޙައްލެއް ހުށަހަޅާފާނަމެވެ.“
އެހިނދު ކީރިތިރަސޫލާ ހަދީޘް ކުރެއްވިއެެވެ. أَبَا الْوَلِيد އެވެ. ބުނާށެވެ. ތިމަންކަލޭގެފާނު މިއިންނެވީ އަޑުއައްސަވާށެވެ. أَبَا الْوَلِيد ބުންޏެވެ. އޭ އަޚާގެ ދަރިކަލުންނޭވެ. ކަލޭގެފާނު ބޭނުންފުޅުވަނީ މުދާ ޖަމަޢަކުރެއްވުމަށް ކަމުގައިވަނީ ނަމަ، ތިމަންމެން ކަލޭގެފާނަށް މުދާ ޖަމަޢަކޮށްދީ ތިމަންމެންގެ ތެރޭގައި ހުންނެވި އެންމެ މުއްސަދި މީހަކީ ކަލޭގެފާނު ކަމުގައި ހަދާފާނަމެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ ޝަރަފުވެރިކަން ކަމުގައި ވަނީނަމަ، ތިމަންމެންގެ ތެރޭގައި ހުރިއެންމެ ޝަރަފުވެރިޔަކީ ކަލޭގެފާނު ކަމުގައި ހަދާފާނަމެވެ. އަދި ތިޔަކަމަކީ ބައްޔެއްގެ ސަބަބުން ނުވަތަ ޖިންނި ޝައިޠާނެއްގެ ސަބަބުން ދިމާވާ ކަމެއްނަމަ އެކަމަށް ބޭސް ފަރުވާ ކުރުމަށްވެސް ތިމަންމެން މިތިބީ ތައްޔާރަށެވެ.“
ދެންފަހެ أَبَا الْوَلِيد ގެ ވާހަކަ ނިމުމުން ކީރިތި ރަސޫލާ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. ތިބާގެ ވާހަކަތައް ނިމުނީހެއްޔެވެ؟ ދެން ތިމަންކަލޭގެފަނު ދައްކަވާ ވާހަކައެެއްވެސް ނިކަން އަޑުއަހާލަބަލާށެވެ.
އެއަށްފަހު سورة فُصِّلَت ފައްޓަވައިގެން ކިޔަވައި ވިދާޅުވާން ފެއްޓެވިއެވެ. އެހިނދު ޢުތުބަތު ބުން ރަބީޢަތު ބިންމަތީގައި އިށީނދެ ދެއަތް ފުރަގަހަށް ލައިގެން ޝަޢުގުވެރިކަމާއި އެކު އަޑު އަހަން އިނެވެ. އެސޫރަޔުގެ 5 ވަނަ އާޔަތާއި ހަމަޔަށް ކިޔަވައި ވިދާޅުވުމަށްފަހު މާތް ނަބިއްޔާ ހަދީޘް ކުރެއްވިއެވެ. މިހާރު ތިމަންކަލޭގެފާނަށް ޖަވާބު ފޯރުކޮށްދެވިއްޖެއެވެ. ދެންކަލޭގެފާނު ބޭނުންގޮތެއް އިޚްތިޔާރު ކުރައްވާށެވެ.
ދެންފަހެ عُتْبَة بُن رَبِيْعة އޭނާގެ ޤައުމުގެ މީހުންގެ ތެރެއަށް އެނބުރި ގޮސްބުންޏެވެ.
”އޭ ޤުރައިޝުންގެ އަހުލުވެރިންނޭވެ. މާތް الله ގަންދީ ބުނަމެވެ. ތިމަންނާ ދުވަހަކުވެސް އެފަދަ ބަސްތަކެއް އަޑެއް ނައަހަމެވެ. އެއީ އެއްވެސް ޙާލެއްގައި ޅެމެއް ނޫނެވެ. ކަހީނުކަމެއް ވެސް ނޫނެވެ. ސިޙުރުވެރިކަމެއްވެސް ނޫނެވެ.
އޭ ޤުރައިޝު ވަންހައިގެ މީހުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނު ދޫކޮށްލާށެވެ. އެކަލޭގެފާނު ތިމަންނާއަށް އެއިއްވެވި ތަކެތީގައި ބަޔާންވެގެންވާ ޚަބަރެއް ވެއެވެ. ތިޔަބައިމީހުން ފިޔަވައި އެހެން ބަޔަކު އެކަލޭގެފާނުގެ ކަންތައް ނިންމައިފިނަމަ ނިމުނީތާއެވެ. ޢަރަބިންގެތެރެއަށް އެކަލޭގެފާނުގެ ކަންތައް ފައުޅުވެއްޖެނަމަ، ހުރިހާ މާތްކަމެއް ހުރީ ހަމަތިޔަބައި މީހުންނަށެވެ. އެއީ ތިޔަބައި މީހުންނަށްލިބޭ މަތިވެރިކަ މެކެވެ.“
ޤުރައިޝުވަންހައިގެ މިހުންބުންޏެވެ. ”ހަމަަކަށަވަރުން މުޙައްމަދުގެފާނު ތިބާއަށް ސިޙުރު ހައްދަވައިފިއެވެ.“ އޭނާ ބުންޏެވެ.“ މިއީ ތިމަންނައަށް ފެންނަގޮތެވެ.“
ސީލްޑް ނެކްޓްރ











