Search Streamline Icon: https://streamlinehq.com

ޗުއްޓީތެރޭގައި ކުށް މަދުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފުލުހުން ފަށައިފި

Raajje miadhu

ކުރިޔަށް އޮތް ޗުއްޓީ ދުވަސްތަކުގައި މާލެތެރޭގައި ކުށްމަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް އިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ އާންމުގޮތެއްގައި ހިންގާ ކުށްތައް ފާހަނގަކޮށް، އެކުށްތައް ހިނގާ ސަރަހައްދުތަކާ އަދި ވަގުތުތަކަށް ހާއްސަ ސަމާލުކަންދީގެން މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށާއި ވައްކަމުގެ މައްސަލަތައް މަދަކުރުމަށް މާލެތެރޭގައި ދަންވަރުގެ ވަގުތުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު ބަންދުތެރޭގައި އިތުރުވާނެ ކަމަށެވެ.

 މީގެ އިތުރުން ވައްކަން ކުރުން މަދުކުރުމަށް ތަންތަނުގައި ސެކުރިޓީ ބަލަހައްޓަން ތިބޭ މީހުންނަށް މައުލޫމާތު ފޯރުކޮށްދީ އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތް އަދި އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސްރަށްވެހިން ފާހަގަކޮށް އެ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުވެސް މަސައްކަތްކުރަމުންދާކަމަށް ރަހުމާ ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަހަރައްދުތަކުގެ އިތުރުން ކަފިހި ހުރަސްތަކުގައިވެސް ޓްރެފިކް ފުލުހުން ބަންދުތެރޭގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެކަމަށާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ތިބޭ ބިދޭސީންނާ ގުޅިގެން ވައްކަންކުރާ މައްސަލަތައްވެސް ހިންގަމުންދާތީ އެފަދަ ކަންކަން ހުއްޓުވުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

ފަސީހު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ކުށް މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމާއި، ކަނޑުމަތީގެ ރައްކާތެރިކަމަށް މެރިން ޕޮލިސް ހަރާކާތްތެރިވާ މިންވަރު ޗުއްޓީތެރޭގައި އިތުރުވެގެންދާނެއެވެ.

ޗުއްޓީއަށް ފުރައިގެން ދާއިރު ގޭތެރޭގެ ރައްކާތެރިކަމަށް ވިސްނައި ފެން، ގޭސް ލީކުވާފަދަ ގޮތަކަށް ނުބހެހެއްޓުމަށް އަދި އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުފަދަ ތަންތާގައިވެސް ގިނަ އަދަދަކަށް ފައިސާ ނުބަހައްޓައި ބެންކަށް ޖަމާކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ގޭގެ ތަޅުދަނޑި ބޭރުގައި ނުބާއްވާ ޒިންމާދާރު ފަރާތަކާ ހަވާލުކުރުމަށް ވައިގޮޅިއާ ދިމާއަށް ހުންނަ ދޮރުތަކާއި ހާއްސަކޮށް ފާހާނަ ފެންލައިޓުން ވަދެގެންވެސް ވައްކަންކުރާތީ ވަގުންނަށް ނުވަދެވޭނެފަދަ ގޮތަކަށް ފެންލައިޓުތައްވެސް ބަންދުކުރުމާއި ގޭގެ ކުޑަދޮރުތައްވެސް ރަނގަޅަށް ތަޅުލުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޕޮރޮމޯޝަންތަކުގެ ނަމުގައި އަންނަ ފޭކު ފޯނުކޯލުތަކަށް ސަމާލުވާން އިލްތިމާސްކުރެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *