ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީ ކަންކަމުގައި ކުއްތާ ސްކޮޑް ގެންގުޅޭ ނިޒާމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ފާޑުކިޔުން އަމާޒުކޮށްފިއެވެ.
ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީ ކަންތައްތަކުގައި ކުއްތާ ގެންގުޅުމުގެ ނިޒާމަކީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫންކަމަށެވެ. އަދި އެކުއްތާ ބަލަހައްޓަމުންގެންދަނީ ފުލުހުން ކަމަށާއި މިހާރު ކުއްތާ ސްކޮޑުން މާބޮޑު ކާމިޔާބީތަކެއް ނުލިބޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި ބައެއް މީހުންގެ ކައިރިޔަށް ކުއްތާތައް ދިޔުމުން މީހުން ހިތްހަމަނުޖެހިން ފާޅުކުރަމުންގެންދާ ކަމަށެވެ. އެހެންކަމުން ހިނގާ މީހުންނަށް ކުއްތާ ނުފެންނަހެން ޕާތުވޭއެއް ހަދައި ވައިގެ ޒަރީއާއިން ދެނެގަނެވޭނެ ނިޒާމެއް (ބްލޯވިންގް ބްލޯކުރާ ގޮތަށް) ޤާއިމުކުރެވިދާނެކަމަށް ޝަރީފް ލަފާދެއްވިއެވެ.
މިފަދަ ނިޒާމުތައް ޤާއިމުކުރުމަށް ބަޖެޓް ބޭނުންވާނެ ކަމަށާއި ކުއްތާ ބޭނުންކުރާ ނަމަ ރަނގަޅު ނިޒާމެއްގެ ތެރެއިން އެކަން ކުރެވޭނެ ފުރުސަތު އެބަ އޮތް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.









