ހުޅުމާލެ ހިޔާ ފްލެޓްތަކުގެ ފުރުތަމަ ބުރުގެ ސޮއިކުރުން އޮގަސްޓް 18 އަށް ނިންމާލެވޭނެކަމަށް ހައުސިން ޑެވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
ޖުލައި 14 ވަނަ ދުވަހު ފެށިގެން ކުރިޔަށްދާ ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓުތަކުގައި ސޮއިކުރުން ފުރުމަ ބުރުގައި އިއްޔެގެ ނިޔަލަށް 3،200 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި ސޮއިކުރަން އަންނަން އެންގުމުންވެސް މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތުން ސޮއިކުރަން ނާންނަކަން ސުހައިލް ފާހަނގަކޮށްލިއެވެ. އެހެންކަމުން އެފަރާތްތަކަށް އެގްރީމެންޓްގައި ސޮއިކުރުމުގެ ފުރުސަތު ދެން ލިބިގެންދާނީ ދެވަނަ ބުރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިހާތަނަށް މައުލޫމާތު ފޯރމް ފުރާފަ ނުފޮނުވާ ހާހަކަށްވުރެ ގިނަ ފަރާތްތައް އެބަތިބިކަމަށް ސުހައިލް ވިދާޅުވިއެވެ. އެފޯމްތައް ނުފޮނުވާ މީހުން ވީހާވެސް އަވަހަކަށް އެފޯމްތައް ފުރާފައި ފޮނުވައިދިމުނަށް ސުހައިލްވަނީ އިލްތިމާސްކޮށްފައެވެ.









