ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވެން ނެތްކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ހުއްދައަށް ރައްޔިތުންގެ މަޖުލީހުގައި އެދެފިއެވެ.
ރައީސް ނަޝީދު މަޖުލީހަށް ފޮނުވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް އެނބުރި ވަޑައިގެންނެވެން ނެތްކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމުގެ ހުއްދަ ދެއްވުމަށެވެ.
ރައީސް ނަޝީދު ބޭނުންފުޅުވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމުގެ ފުރުސަތު މަޖުލީހުން ފަހިކޮށްދެއްވުން ކަމަށާއި ރާއްޖެއިން ބޭރުގައި ހުންނައިރު ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރުންގެ އިރުޝާދުގެ ދަށުން،ނާއިބު ރައީސް އީވާ އަބްދުﷲ މަޖުލީހުގެ އިދާރާ ހިންގަވާނޭ ކަމަށް ނަޝީދު ވިދާޅުވެފައިވާކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ރާއްޖޭން ބޭރުގައި ދިރިއުޅުއްވިޔަސް ރައްޔިތުންގެ މަޖުލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެކަމަށް އެސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި ހާއްސަ ގޮތެއްގައި އިންޓަރ ޕާލަމެންޓްރީ ޔޫނިއަން އާއި ކޮމަންވެލްތާއި ޕާލަމެންޓްރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކްލައިމެޓް ވަނަރަބަލް ފޯރަމްގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.









