Search Streamline Icon: https://streamlinehq.com

ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކުވައިދޭ ދަންމަރެއް

Medina mosque e1416997779581

އަރަހުށި މާތްއިންސާނިޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم ވަނީ ދިރިއުޅުމުގެ އެންމެހައި ކަމެއްގައި ނަމޫނާ މިސާލު ދައްކަވައިފައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުންދަނީ ޢިބްރަތުގެ ދަރުސްތަކެވެ. ތައުރީފު ޙައްޤުވާފަދަ މަކާރިމްތަކެވެ. ރަޙްމަތާއި އޯގާތެރިކަމުގެ ދިރިހުރި މިސާލުތަކެވެ.

މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަޤީޤީ ބައްޕާފުޅަކަށް ވެވަޑައިގެންނެވުމުގެ ކުރީންވެވަޑައިގެންނެވީ ދޮންބައްޕާފުޅަކަށެވެ. އެކަލޭގެފާނު އަލަތު އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖަތުގެފާނަކީ، އޭގެ ކުރީން ދެކާވެނިފުޅެއް ކުރައްވައިފައި  އިންނެވި ބޭކަނބަލެކެވެ. ހުވަފަތްވެވަޑައިގެންފައި އިންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ކުރީގެ ކާވެނިފުޅުތަކުން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

ހިންދު ބިން އަބީ ހާލާއަކީ، ޚަދީޖަތުގެފާނުގެ ކުރީގެ ކާވެނިފުޅަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދޮންދަރިކަލެކެވެ. ހިންދަކީ، އިސްލާމްދީނުގެ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. އޭނާއަށްވަނީ މާތް ރަސޫލާގެ ހެޔޮ ޚުލުޤުފުޅު އަސަރުތައް ވަރަށް ބޮޑަށް ކޮށްފައެވެ. މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ދެކެ އެކަލޭގެފާނު ވަރަށް ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ވަރަށް ފަޚްރުވެވެރިވެވަޑައިގެން ވިދާޅުވެ އުޅުއްވައެވެ.

”އެންމެ ރަނގަޅު ޢާއިލާއެއް ލިބިފައިވަނީ އަހަރެންނަށެވެ. އަހަރެންގެ ދޮންބައްޕާފުޅަކީ، މުޙައްމަދު صلّى اللّـه عليه وسلّم އެވެ. މަންމާފުޅަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އަހަރެންގެ އަޚަކީ، ޤާސިމެވެ. އުޚްތަކީ، ފާޠިމާ ރަޟިޔަﷲ ޢަންހާއެވެ.“[1]

ޝައްކެއްނެތް ގޮތުގައި، ހިންދު މިފަދަ ބަސްފުޅުތަކެއް ވިދާޅުވާނީ މާތް ރަސޫލާގެ ފަރާތްޕުޅުން ލޯތްބާއި އަޅާލުން އޭގެ ކޮޅުނެތްކޮޅަށް ލިބިވަޑައިގަތުމުންނެވެ. ހިންދު ބިން އަބީ ހާލާއަކީ، މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ސިފަފުޅުތައް އެންމެ ފުރިހަމައަށް ރިވާކޮށްދެއްވި އެއް ޞަޙާބީއެވެ.

ޙަބީބާ ބިންތު ޢުބައިދުﷲ ބިން ޖަޙުޝަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދޮންދަރިކަނބަލެކެވެ. އެކަމަނާގެ މައިކަނބަލުންނަކީ، އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާއެވެ. އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ ފިރިކަލުން ޢުބައިދުﷲ ބިން ޖަޙުޝަކީ އިސްލާމްދީނުގެ ވަރަށް ކުރީކޮޅު އިސްލާމްވެވަޑައިގެން ޙަބަޝާއަށް ހިޖުރަކުރެއްވި ދެބޭކަނބަލުންނެވެ. އެތަނުގައި ޢުބައިދުﷲ ބިން ޖަޙުޝް، ނަޞާރާއިންގެ ބަޔަކާއި އެކުވެރިވެ، އޭނާ އެބައިމީހުން ދީނަށް ވަދެއްޖެއެވެ. މުރުތައްދުވެއްޖެއެވެ. އޭގެ މާގިނަ ދުވަސްތަކެއްނުވެ، އޭނާ މަރުވެއްޖެއެވެ.

ނަމަވެސް، އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އިސްލާމްދީންމަތީގައި، ސާބިތުވެ އިންނެވިއެވެ. ތުއްޕުޅު ދަރިކަނބަލުން ޙަބީބާއާ އެކު އަޅާލާނެ ޔާރެއްނެތި ނުހަނު ދަތިހާލުކޮޅުގައި ދުވަސްތައް ގުނުއްވަމުން ގެންދެވިއެވެ. އޭރު އެކަމަނާގެ ބައްޕާފުޅު އަބޫ ސުފްޔާނު ގެންދިޔައީ އިސްލާމްދީނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ.[2]

އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާގެ މި ޙާލުކޮޅު އެނގިވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ، ނަޖާޝީއަށް ސިޓީފުޅެއް ފޮނުއްވައިގެން އެކަމަނާއާ ކާވެނިބެއްލެވިއެވެ. އަދި އުއްމުލް މުއުމިނީން އުއްމު ޙަބީބާއާއި އެކަމަނާގެ ދަރިކަނބަލުން ޙަބީބާ ބިންތު ޢުބައިދުﷲ ބިން ޖަޙުޝް މާތް ރަސޫލާގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގެ ދަށަށް ގެންދެވިއެވެ.[3]

ކައު އިތުރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم  އަށް އެންމެ ގިނަ ދޮންދަރިކައުކަނބަލުންނެއް ލިބިވަޑައިގަތީ އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާއާ ކުރެއްވި ކާވެނިފުޅުންނެވެ.[4] މާތް ރަސޫލާ އެކަމަނާއާ ކާވެނިބެއްލެވީ އެކަމަނާގެ ފިރިކަލުން އަބޫ ސަލަމާ ރަޟިޔަﷲ ޢަންހު ހަނގުރާމައެއްގައި ލިބިވަޑައިގެން ޒަޚަމެއް ފަސޭހަފުޅުނުވެ އަވަހާރަވުމާ ގުޅިގެންނެވެ.

އުއްމު ސަލަމަތުގެފާނު ރައްކައުވެވަޑައިގެން އެކަމަނާގެ ޢިއްދަ ފުރިހަމަވުމުން، މާތް ރަސޫލާ އެކަމަނާއާ ކާވެނި ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ހަތަރު އުޒުރެއް އެކަމަނާ ދެއްކެވިއެވެ. އެތަނުން އެއް އުޒުރަކީ އެކަމަނާއަކީ ދަރީން ގިނަ ބޭކަނބަލެއް ކަމުގައި ވުމެވެ. ނަމަވެސް މާތް ރަސޫލާ ނުހަނު އޯގާތެރިކަމާއެކު ޙަދީޘް ކުރެއްވިއެވެ.

[އެކުދީންގެ ބެލެނިވެރިއެއްކަމުގައި މާތްއާއި އެކަލާނގެ ރަސޫލާ ފުދިގެންވެއެވެ.][5]

އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ގެ ކުރީގެ ކާވެނިފުޅަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ. އެއީ دُرّة بنت أبي سلمة އާއި زينب بنت أبي سلمة އާއި،  سلمة بن أبي سلمة އާއި،  عمرو بن أبي سلمة އެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ، އުއްމު ސަލަމަތުގެފާނާ ކާވެނިބެއްލެވުމަށްފަހު، މި ޔަތީމު ހަތަރު ބޭފުޅުން އެކަލޭގެފާނުގެ އޯގާވެރިކަމުގެ ހިޔާވަހިފުޅުގެ ދަށަށް ގެންނެވިއެވެ. އެބޭފުޅުންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މަކާރިމުތައް ދަސްފުޅުކޮށް ދެއްވިއެވެ.

ޢަމްރޫ ބުނު އަބީސަލަމާ ވިދާޅުވެފައިވެއެވެ. [އަހަރެންނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބެއްލެވުމުގެ ދަށުގައި ހުރި ކުއްޖެކެވެ. އަހަރެން ބައެއް ފަހަރު މާތް ރަސޫލާގެ އަރިހުގައި އެއް ތަށީގައި ކައި ހަދަމެވެ. ބައެއް ފަހަރު އަހަރެންގެ އަތުގެ އިނގިލިތައް މާތް ރަސޫލާގެ އިނގިލިފުޅުތަކުގައި ޖެހެންވެސް ޖެހެއެވެ. އެއްފަހަރު މާތް ރަސޫލާ އަހަރެންނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ.

[އޭ ދަރިފުޅާއެވެ. އެއްޗެއް ކާކަމުގައި ވަނީނަމަ ފުރަތަމަ ބިސްމި ކިޔައިފައި ކާން ފަށާށެވެ. އެއަށްފަހު ދަރިފުޅުގެ ކަނާތް ފަރާތުން ކާންފަށާށެވެ. ކާއިރު ކާންވާނީ ތިމާއާ އެންމެ ކައިރި ފަރާތުންނެވެ.]

ޢަމްރޫ ބުނު އަބީސަލަމާ ވިދާޅުވެފައިވެއެވެ. ]އޭގެ ފަހުން އަހަރެން މާތް ރަސޫލާގެ އިރްޝާދުތަކަށް ފުރިހަމައަށް އަމަލު ކުރަމުން ގެންދިޔާމެވެ.][6]

ޒައިނަބު ބިންތު އަބީ ސަލަމާއަކީ ތުއްޕުޅު ބޭފުޅެކެވެ. މާތް ރަސޫލާ އެކަމާނާއަށް ލޯބިން މުޚާތަބު ކުރައްވައި ހައްދަވަނީ [ޒިނާބު] ގެ ނަންފުޅުންނެވެ. އެކަލޭގެފާނު ގަނޑުވަރުން ބޭރުގައި އުޅުއްވަ އުޅުއްވައިފައި އުއްމު ސަލަމަތުގެފާނުގެ އަރިހަށް ވަޑައިގެން ވަރަށް ގިނައިން [ޒިނާބު ކޮބައިހޭ] އައްސަވައި ހައްދަވައެވެ.

ޒައިނަބު ބިންތު އަބީ ސަލަމާ ބައެއް ފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ވުޟޫ ކުރައްވަން ހުންނަވާ ވަގުތުގައި އެތަނަށް ވަޑައިގަންނަވައެވެ. މާތް ރަސޫލާ ބައެއް ފަހަރަށް ސަމާސާ ކުރެއްވުމުގެ ގޮތުން އެކަމަނާގެ މޫނުފުޅަށް ފެންފޮދުފޮދު ވިއްސަވައި ލައްވައި ހައްދަވައެވެ. އޭގެ ބަރަކާތެއްގެ ގޮތުން އެކަމަނާގެ އުމުރުފުޅުން ނުހަނު މުސްކުޅިފުޅު ވީއިރުވެސް މޫނުފުޅު މަތީން ފެންނަމުން ދިޔައީ ޒުވާންފުޅުކަމާއި ތާޒާކަމުގެ އަސަރުތަކެވެ.[7]

ހަމައެފަދައިން މާތް ރަސޫލާ އުއްމުލް މުއުމިނީން ސައުދާ ރަޟިޔަﷲ ޢަންހާއާ ކާވެނިފުޅު ބެއްލެވުމަށްފަހު އެކަމަނާގެ ދަރިކަލުން ޢަބްދުއް ރަޙްމާންވެސް އެކަލޭގެފާނުގެ އޯގާވެރިކަމުގެ ހިޔާފުޅު ދަށަށް ގެންދެވިއެވެ. ޢަބްދުއް ރަޙްމާން ރަޟިޔަﷲ ޢަންހަކީ އިސްލާމީ ވަރުގަދަ މުޖާހިދެކެވެ. އެކަލޭގެފާނު ޝަހީދުވީ ޢުމަރުގެފާނުގެ ޚިލާފަތުގައި ފާރިސްކަރައިގެ ޖަލައުލާގައި ކުރެއްވުނު ހަނގުރާމައިގައެވެ.[8]

މާތް ރަސޫލާ صلّى اللّـه عليه وسلّم ، ގެ ޙަޔާތްޕުޅުގެ ކޮންމެ ޞަފްޙާއެއް ނިއުޅުވައި ބަލައިފިނަމަ ފެންނާނީ، މިފަދަ ރީތި އުސްވަތުތެކެވެ. ރަޙްމަތާއި އޯގާވެރިކަމުގެ ބާބުތަކެވެ. ކެތްތެރިކަމާއި ޙިލްމުވެރިކަމުގެ ޞަފްޙާތަކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކުވައިދޭ ދަންމަރުތަކެވެ.


[1] . Adil Salahi, 2008, Most Fortunate Stepchildren, from https://www.arabnews.com/node/311095.

[2] Mahmood Ahmad Ghadanfar, Great women of islam. Pp 127-128

[3] Adil Salahi, 2008, Most Fortunate Stepchildren, from https://www.arabnews.com/node/311095.

[4] . Adil Salahi, 2008, Most Fortunate Stepchildren, from https://www.arabnews.com/node/311095.

[5] Ibn sa’d, Tabaqat, vol 8, pp 89-91

[6] . Sahih al-Bukhari » Food, Meals – كتاب الأطعمة » Hadith 5376

[7] . Zainab bint younus, Another Man’s Daughter: The Story of Zaynab bint Abi Salamah, from: http://my-iddah.com/another-mans-daughter-the-story-of-zaynab-bint-abi-salamah/.

[8] . Vacca, V. ”Sawda Bint Zamʿa.“ Encyclopaedia of Islam, First Edition (1913-1936). Brill Online, 2012. Reference. 2 October 2012.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި