Search Streamline Icon: https://streamlinehq.com

ޢާއިޝަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްހާތައް-01

Aishath ge faanu Vaahaka

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ޢަންހާއަކީ، މުސްލިމުންގެ ފުރަތަމަ ޚަލީފާ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަ ޢަންހު ގެ ދަރިކަނބަލެކެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޮބުވެތި އަނބިކަނބަލުންނެވެ. އެކަލޭގެފާނުގެ ދުނިޔެ އާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. މާތް ރަސޫލާގެ ޠާހިރު ސުންނަތުގެ އަގުބޮޑެތި މުތީތައް އިސްލާމީ އުއްމަތަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވި ބޭކަނބަލަކީ އެކަމަނާއެވެ.

ނަންފުޅާއި ނަސަބުފުޅު

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ޢަންހާއަކީ، ޞަޙާބީ ބޭކައުކަނބަލުންގެ ތެރެއިން ވަރަށް ޚާއްޞަ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާގެ ބައްޕާޅު ފަރާތުގެ ކާފާފުޅު އަބޫ ޤުޙާފަތު ޢުޘްމާނު ބިން ޢާމިރަކީ ޞަޙާބީ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިއިރު، ވަނީ ވަރަށް ބޮޑަށް މުސްކުޅިފުޅުވެފައެވެ. އަބޫބަކުރުއް ޞިއްދީޤު ރަޟިޔަ ޢަންހު އެކަލޭގެފާނުގެ ބަފައިކަލުންގެ އިސްލާމަކަން މާތް ރަސޫލާގެ އަރިހުގައި ފާޅުކުރެއްވުމަށްޓަކައި ބަފައިކަލުން ގޮވައިގެން މާތް ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެހިނދު މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

[އޭ އަބޫބަކުރެވެ. ކަލޭގެފާނުގެ ބަފައިކަލުން އެ ހުންނެވިތަނެއްގައި ބެހެއްޓެވިނަމަ، ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނގައްޖައީމުހެވެ.] އަބޫބަކުރުއް ޞިއްދީޤު ރަޟިޔަޢަންހު ވިދާޅުވިއެވެ. [ކަލޭގެފާނު، އަޅުގަނޑުގެ ބައްޕަގެ ގާތަށް ވަޑައިގެންނެވުމަށްވުރެ، ބައްޕަ ކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން މާ އައުލާކަން ބޮޑެވެ.]

އެއަށްފަހު، އަބޫ ޤުޙާފަތު އޭނާގެ އިސްލާމްކަން މާތް ރަސޫލާގެ ކުރިފުޅުމަތީގައި އިޢުލާން ކުރެއްވިއެވެ. މާތް ރަސޫލާގެ އަތްޕުޅު މައްޗަށް އިސްލާމްކަމުގެ ބައިޢަތު ހިއްޕެވިއެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، އޭރު އަބޫ ޤުޙާފާ ރަޟިޔަﷲ ޢަންހަކީ ވަރަށް މުސްކުޅިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ އިސްތަށިކޮޅުތައްވަނީ މުޅިން ހުދުވެފައެވެ. އެހެންކަމުން މާތް ރަސޫލާ އެކަލޭގެފާނުގެ އިސްތަށިކޮޅުތަކުގައި ކުލަޖެއްސެވުމަށް އެންގެވިއެވެ. އައްސައްޔިދާ ޢާއިޝާ ގެ ބައްޕާފުޅު ފަރާތުގެ މާމާފުޅު އުއްމުލް ޚައިރު ސަލްމާ ބިންތު ޞަޚްރު ރަޟިޔަﷲ ޢަންހާއަކީވެސް  ޞަޙާބީންގެ މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާއަކީ އިސްލާމްދީނުގެ ނުހަނު ކުރީކޮޅުގައި އިސްލާމްވެވަޑައިގެން އިންނެވި ޞަޙާބިއްޔާއެކެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 33}

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ލޮބުވެތި ބަފައިކަލުންނަކީ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހެވެ. އެކަލޭގެފާނަކީ ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ރިސާލަތަށް ބޮޑެތި ފިރިހެނުންކުރެ، އެންމެ ފުރަތަމަ އިޖާބަދެއްވި ފަރާތެވެ. އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ މައުޟޫގައި ބަޔާންވެގެންވާ ޙަދީޘްތަކާއި އާޔަތްތަކަކީ ތާރީޚު ދިރާސާ ކުރާފަރާތަކަށް ވަންހަނާ ވެގެންވާނެކަމެއް ނޫނެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ މައިކަނބަލުންނަކީ އުއްމު ރޫމާން ރަޟިޔަﷲ ޢަންހާ އެވެ. އެކަމަނާގެ އަސްލުނަންފުޅަކީ ޒައިނަބެވެ. އެކަމަނާއަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަނބަލެއްކަމުގައި އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައެވެ. އެކަމަނާއާމެދު މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.

[ސުވަރުގޭގެ ހޫރުލްއީނަކު ދެކޭން ބޭނުން މީހަކު އުއްމު ރޫމާން ދެކޭހުށިކަމެވެ.]

އައްސައްޔިދާ އުއްމު ރޫމާންވަނީ، އެކަމަނާގެ ދަރިކަނބަލުން  އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ހިތާމަވެރި އިފްކުގެ ޙާދިޘާގައި މުހިއްމު ރޯލެއް އަދާ ކުރައްވައިފައެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 172-176}

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އެއްބަނޑުއެއްބައްޕާފުޅު ހުންނެވީ އެންމެ ބޭކަލެކެވެ. އެއީ ޢަބްދުއް ރަޙްމާން ބިން އަބީބަކުރު ރަޟިޔަﷲ ޢަންހެވެ. ޢާއިޝަތުގެފާނުގެ އެއްބައްޕާފުޅު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހާއި، މުޙައްމަދު އަބީބަކުރު ރަޟިޔަﷲ ޢަންހާއި، އަސްމާ ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާ އާއި އުއްމު ކުލްޘޫމު ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އެއްބަނޑުއެއްބައްޕާފުޅު އަޚު ޢަބްދުއް ރަޙްމާން ބިން އަބީބަކުރު ރަޟިޔަﷲ ޢަންހަކީ، ޙުދައިބިއްޔާގެ ދުވަހުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. އޭގެ ކުރީން އެކަލޭގެފާނުވަނީ މުސްލިމުންނާ ދެކޮޅަށް ކުރެވުނު ބޮޑެތި ބޮޑެތި ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު ވެވަޑައިގެންނެވީ ވަރަށް ހިތްވަރުގަދަ އިސްލާމީ މުޖާހިދަކަށެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 36}

ޢާއިޝަތުގެފާނުގެ އަނެއް އަޚު ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހަކީ އިސްލާމްދީނުގެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. މާތް ރަސޫލާ އާއި އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު މަދީނާއަށް ކުރެއްވި ހިޖުރައިގެ ދަތުރުފުޅުގައި، އެކަލޭގެފާނުވަނީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރައްވައިފައެވެ. އެކަލޭގެފާނު ދުވާލުގަޑީގައި މައްކާގެ މުޝްރިކުން ރާވާރޭވުންތަކަށް ފާރަލައްވައި، ރޭނގަޑުވުމުން ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގެން، އެބައިމީހުންގެ ރޭވުންތަކުގެ ޚަބަރު މާތް ރަސޫލާ އާއި އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހަށް ދެއްވައެވެ. މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު ޠާއިފުގެ ހަނގުރާމައިގައި، ދުޝްމިނަކު އެއްލި ތީރަކުން އެކަލޭގެފާނު ޒަޚަމްވެވަޑައިގަތެވެ. އެކަލޭގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުން ފަސޭހަފުޅުނުވެ އޮންނަވައި، އެކަލޭގެފާނުގެ ބަފައިކަލުންގެ ޚިލާފަތުގައެވެ.{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37}

މުޙައްމަދު ބިން އަބީބަކުރު އުފަވެވަޑައިގަތީ ޙައްޖަތުލް ވަދާޢުގެ އަހަރުގައެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ، އަސްމާ ބިންތު ޢުމައިސެވެ. އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގަތީ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ބެއްލެވުމުގެ ދަށުންނެވެ. ޢަލީގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނަށް މިޞްރުގެ ގަވަރުނަރުކަން ދެއްވިއެވެ. އެކަލޭގެފާނު ޤަތުލު ކުރެވުނީ އެގޮތުގައި މިޞްރުގައި ހުންނަވަނިކޮށެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37}

ނުނިނޭ

މިވާހަކަ ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. އާމީން

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި