Search Streamline Icon: https://streamlinehq.com

ޢާއިޝަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްޙާތައް 04

Aishath ge faanu Vaahaka

ހިޖުރައަށް ވަޑައިގަތުން

މާތް ރަސޫލާ صلّى اللّـه عليه وسلّم  މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅެއްފަހު، އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ސައުދާ ރަޟިޔަﷲ ޢަންހާއި، ދެ ދަރިކަނބަލުން ފާޠިމަތުގެފާނާއި އުއްމު ކުލްޘޫމުގެފާނު މަދީނާއަށް ގެންނެވިއެވެ. އުސާމާ ބިން ޒައިދާއި އުއްމު އައިމަންވެސް އެބޭފުޅުންނާއެކު ހިޖުރައަށް ވަޑައިގެންނެވިއެވެ. ހަމައެހެންމެ، ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހު އަބޫބަކުރުގެފާނުގެ އާލުވެރިންނާއެކު މަދީނާއަށް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ.

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  މަދީނާއަށް ހިޖުރަށް ކުރެއްވިތާ ކުޑަދުވަސްކޮޅެއްގެ ތޭގައި، އަބޫބަކުރުގެފާނާއި، ބިލާލުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. ތިމަންކަމަނާ ބައެއްފަހަރު އެބޭކަލުންގެ ބޭނުންތައް ފުއްދައިދެއްވުމަށް ގޮސް އުޅެމެވެ. އެ އާލާސްކަންފުޅުގެ ހުންފުޅު ބޮޑުވުމުން އަބޫބަކުރުގެފާނު ޒާތެއްގެ ޅެމެއް ވިދާޅާން ފައްޓަވައެވެ.

ދެން ތިމަންކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ގޮސް އެކަމުގެ ޚަބަރުތައް ދެއްވީމެވެ. އެ ވަގުތު އެކަލޭގެފާނު ދުޢާފުޅު ކުރައްވައި ވިދާޅުވިއެވެ.

[އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މަދީނާގެ މައްޗަށް އަޅަމެންގެ ހިތްތަކުގައި ވަރުގަދަ ލޯތްބެއް ޖައްސަވައި ދެއްވާންދޭވެ. މައްކާގެ މައްޗަށް އަޅަމެންގެ ހިތްތަކުގައި ލޯބި ޖައްސަވައިދެއްވި ފަދައިންނެވެ. ނުވަތަ އެއަށްވުރެވެސް ބޮޑަށެވެ. މަދީނާގެ މުދަލުގައި ބަރަކާތް ލައްވާންދޭވެ.]{ޞަފިޔުއްރަޙްމާން މުބާރަކުޕޫރީ، އައްރަޙީޤުލް މަޚްތޫމު، ޞަފްޙާ 177}

މާތް ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނުގެ ދިރިއުޅުއްވުން

ފިރިކަލުންގެ ގެކޮޅަށް ބަދުލުވެވަޑައިގަތުން

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ތިމަންކަމަނާއާ ކާވެނިފުޅު ބެއްލެވިއިރު ތިމަންކަމަނާގެ ޢުމުރަކީ، ހަ އަހަރެވެ. އަހަރެމެން މަދީނާއަށް ގޮސް ފޭބީ ބަނީ ޙާރިޘް ބިން ޚާރިޖާގެ ގެތަކުގެ ތެރެއިން ގެއަކަށެވެ. މަދީނާއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީ އަހަރެންގެ ބޮލުގެ އެންމެހައި އިސްތަށިތަކެއް ފައިބައިފިއެވެ. އޭގެ ފަހުން ދުވަސްކޮޅެއްވިތަނާ އަލުން އިސްތަށިފަޅަން ފަށައިފިއެވެ. އެއްދުވަހަކު އަހަރެން އަހަރެންގެ ރައްޓެހި ކުދީންކޮޅަކާއެކު ކުޅެން އުޅެނިކޮށް އަހަރެންގެ މަންމާފުޅު އަތުވެއްޖެއެވެ.

އެއަށްފަހު އަހަރެންނަށް ބާރު އަޑުފުޅުން ގޮވައިލައްވައިފިއެވެ. އަހަރެން މަންމާފުޅުގެ ގާތަށް ދިޔުމުން އަހަރެންގެ އަތުގައި ހިއްޕަވައިގެ ގެކޮޅުގެ ދޮރުކޮޅާ ހިސާބަށް ވަޑައިގެން، ވަރުބަލިފިލާ އަހަރެންގެ ނޭވާ ހަމަޖެހުމުން މަންމާފުޅު އަހަރެންގެ މޫނާއި، ބޮލުގައި ފެންފޮދެއް ހާއްކަވައިލައްވައި ދޮންނެވިއެވެ. އެއަށްފަހު ގެކޮޅުގެ ތެރެއަށް ވަޑައިގެންނެވިއެވެ. އޭރު ގެކޮޅުގައި އަންޞާރުންގެ އަންހެންނުންތަކެއް ތިއްބެވެ. އަހެރެން ފެނުމުން އެބޭކަނބަލުން ވިދާޅުވިއެވެ. [ހެޔޮކަމާއި ބަރަކާތުގެ މަތީގައެވެ. އެންމެ ހެޔޮ ރަނގަޅުފާލުގައެވެ.]

ދެން އަހަރެންގެ މަންމާފުޅު އަހަރެން އެބޭކަނބަލުންނާ ޙަވާލު ކުރައްވައިފިއެވެ. ދެން އެބޭކަނބަލުން އަހަރެން މާތް ރަސޫލާއަށްޓަކައި ތައްޔާރުކޮށްދެއްވަން ފެއްޓެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އަހަރެމެންގެ ގެއަށް ޟުޙާ ވަގުތުގައި ވަޑައިގެންނެވިއެވެ. ދެން އަހަރެންގެ މަންމާފުޅު އަހަރެން މާތް ރަސޫލާއާ ޙަވާލު ކުރެއްވިއެވެ. އޭރު އަހަރެންގެ ޢުމުރަކީ ނުވަ އަހަރެވެ. {ޞަޙީޙު ބުޚާރީ، ކިތާބު މަނާޤިބުލް އަންޞާރު، ބާބު މާތް ރަސޫލާ ޢާއިޝަތުގެފާނާ ކާވެނިފުޅު ބެއްލެވުން، ޙަދީޘް ނަންބަރު 3894}

ކުރިންވެސް ދެންނެވިފައިވާ ފަދައިން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޢުމުރުފުޅަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ މާތް ރަސޫލާގެ އަރިހަށް އެކަމަނާ ވަޑައިގެންނެވިރު އެކަމަނާގެ ޢުމުރުފުޅަކީ 19 އަހަރުފުޅު ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ 9 އަހަރުފުޅު ކަމަށެވެ. މި ޚިލާފުތަކުގެ ތެރެއަށްވަދެ ގޮތެއް ނިންމުމުގެ ލަޔާޤާތްތެރިކަމެއް އަޅުގަނޑުގެ ނެތްކަމަށް އިއުތިރާފުވަމުން އެ މައުޟޫ އިހަށް ކުރުކޮށްލަމެވެ.

ސުނަނު އަބޫ ދާވުދުގެ ކިތާބުއް ޠިއްބުގައި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. [މާތް ރަސޫލާގެ ގެކޮޅަށް އަހަރެން ފޮނުއްވުމުގެ ކުރީން އަހަރެން ހަށިގަނޑު ތަންކޮޅެއް ސަމައްތަރު ހެޔޮކޮށްލުމަށް މަންމާފުޅު ބޭނުންފުޅުވިއެވެ. މަންމާފުޅު މަސައްކަތްކުރައްވަ ކުރައްވައިވެސް އަހަރެން ފަލަވާ ގޮތެއް ނުވިއެވެ. އެންމެފަހުން މަންމާފުޅު އަހަރެންނަށް ޤިއްޘާ އާއި ރޯކަދު ކާންދެއްވިއެވެ. އެތަކެތި ކާން ފެށުމުން އެސާހިތު މަންމާފުޅު އެދިވަޑައިގެންނެވި ވަރަށް އަހަރެން ފަލަވެއްޖެއެވެ.] {ސުނަނު އަބީދާވުދު، كتاب الطب، باب فِي السُّمْنَةِ، ޙަދީޘް 3903}

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ދިރިއުޅުއްވަމުން ގެންދެވީ ނުހަނު ސާދާ ދިރިއުޅުއްވުމެވެ. މާތް ރަސޫލާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ހައްދަވައި ދެއްވައިފައިވާ ކުދިކުދި ކޮޓަރިކޮޅުތަކުގެ ތެރެއިން ކޮޓަރިކޮޅެއްގައެވެ. އެކޮޓަރިކޮޅުތައް ބިނާކުރައްވައިފައިވަނީ، ނައްޖާރުވަންހައިގެ މީސްތަކުންގެ އަވަށުގައެވެ. މަސްޖިދުއްނަބަވިއްޔާ އިންވެގެންނެވެ.

އެކޮޓަރިކޮޅުތަކުގެ ފާރުތައް ހަދައިފައިވަނީ އުވަޖަހައިގެންނެވެ. ފުރާޅުކޮޅުތައް ހަދައިފައިވަނީ ކަދުރުރުކުގެ ފަނުންނެވެ. މީހަކު ކޮޅަށް ތެދުވެއްޖެނަމަ އެ ކޮޓަރިކޮޅުތަކުގެ ފުރާޅުގައި ބޯޖެހޭވަރުވެއެވެ. އެއާވެސް ތިރިއެވެ. ކޮޓަރިކޮޅުގެ ދޮރުކޮޅަކަށް ދަންމަވައިފައިވަނީ ފަރުދާއެކެވެ. އެކޮޓަރިކޮޅުތަކުގެ އެނދުދާންކޮޅުގައި އަޅުއްވައިފައިވަނީ ޒާތެއްގެ ތުނި ރަޖައެކެވެ. ބާލިސްތކޮޅުތައް ހައްދަވައިފައި ހުންނަނީ އެތެރެއަށް ގަސްގަހުގެ ފަތްލައްވައިގެންނެވެ. ފެންއަޅުއްވަން ގެންގުޅުއްވަނީ ހަމުން ހަދައިފައިވާ ކަންވާރެވެ.

އެއިން އެއްވެސް ގެކޮޅަކުން ދުނިޔޭގެ އެއްވެސް މާއްދީ އުފާވެރިކަމުގެ ނިޝާނެއް ފެންނާކަށް ނުހުރެއެވެ. ދުނިޔެވީ ލައްޒަތާއި އަރާމާއި އުފަލުގައި ދިރިއުޅުއްވުމަކީ މާތް ރަސޫލާ އެއްގޮތަކަށްވެސް ރުއްސެވި ކަމެއް ނޫނެވެ. އެކަލޭގެފާނު ދުނިޔޭގައި ދިރިއުޅުއްވަން ބޭނުންފުޅުވެވަޑައިގެންނެވީ ފަޤީރުކަމުގައެވެ. އަވަހާރަވުމަށްވެސް އެދިވަޑައިގެންނެވީ ފަޤީރު ޙާލުކޮޅުގައެވެ. ޤިޔާމަތްދުވަހު މަހުޝަރު ކުރެއްވުމަށް ލޯބިފުޅު ކުރެއްވީވެސް ފަޤީރުންނާއެކުގައެވެ.{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 45-46}

މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ އަހުލު އިޔާލުންގެ ޚަރަދުބަރަދު ބެލެހެއްޓެވުމުގެ ކަންތައްތައް ޙަވާލުކުރައްވައިފައިވަނީ، ބިލާލު ބިން ރަބާޙު ރަޟިޔަﷲ ޢަންހަށެވެ. އޭރު އެކަލޭގެފާނުގެ އާލުވެރިންނަށް ދެއްވަމުން ގެންދެވީ އަހަރެއްގެ މައްޗަށް ވަކިމިންވަރެއްގެ ގޮދަނެވެ. ބައެއް ފަހަރު މާތް ރަސޫލާއަށް އެކަލޭގެފާނު އަހުލުވެރިންގެ ޚަރަދުތައް ހަމަޖެއްސެވުމަށްޓަކައި ދަރަންޏަށް ތަކެތި ނަންގަވަން ޖެހިވަޑައިގަންނަވާ ފަހަރުވެސް އާދެއެވެ.

ޢަރަބިކަރަ ފަތަޙަވެ އިސްލާމީ ބާރުގެ ދަށަށް އައުމުން މުސްލިމުންގެ ބައިތުލްމާލު ތިޔާގިވެގެންދިޔައެވެ. ގޮދަނާއި ފައިސާ ސުމާރެއް ނެތްހައި މިންވަރަށް ލިބެންފެށިއެވެ. ނަމަވެސް އޭގެ ތިޔާގިކަމުގެ އެއްވެސް މިންވަރެއް މާތް ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ބޭނުންފުޅެއް ނުކުރައްވައެވެ. މާތް ރަސޫލާ ސުވަރުގެ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ގަނޑުވަރުގައި މީހަކު މޭހޫނު ފިލުވައިލާނެ މިންވަރެއްވެސް ނެތެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ދިރިއުޅުއްވި މިދެންނެވި ޒުހުދުވެރި ދިރިއުޅުއްވުން އެކަމަނާ ދުވަހަކުވެސް ހަނދުމަފުޅެއް ނައްތަވައެއް ނުލައްވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެ ވަޑައިގަތުމަށްފަހު މުސްލިމުން ޢަރަބިކަރައިގެ އެތަންމިތަން ފަތަޙަކޮށް ވަރަށް ބޮޑަށް ބައިތުލްމާލު ތިޔާގިވެގެންދިޔައެވެ. ނަމަވެސް ޢާއިޝަތުގެފާނަށް ހަމަ އެއްޗެއް ލިބިވަޑައިގަންނަވާ އިރަށް އެއެއްޗެއް ޞަދަޤާތް ކުރައްވައެވެ. ސަލާމްޖަހަން އަންނަ މުހުދާތުވެރިއަކަށް ދުވަހުވެސް ޢާއިޝަތުގެފާނުގެ އަރިހުން ހުސްއަތާ ދާކަށް ޖެހިފައެއްނުވެއެވެ.{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 46}

ނުނިމޭ

މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. ތިޔަ އެއްމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި: އާމީން

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި