ޢުމަރުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނު
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހަކީ، އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާ އެންމެ އެކުވެރިކޮށް އުޅުއްވި އެއްބޭކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން ޙަފްޞަތުގެފާނުގެ ބައްފާޕުޅެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް ވަރަށް ކަމޭހިއްތެވިއެވެ. ޚާއްޞަ ގޮތެއްގައި ޢާއިޝަތުގެފާނަށް ހެޔޮފުޅުކޮށް ހިއްތެވިއެވެ.
ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ އޭނާ ލިޔުއްވި عُمَرُ ގެފާނުގެ ސީރަތުގައި ލިޔުއްވައިފައިވެއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބަރާބަރަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ޙާލުކޮޅު ބައްލަވަމުން ގެންދެވިއެވެ. އެބޭކަނބަލުންނަށް ވަރަށް ދީލަތިފުޅުވެވަޑައިގެން ހޭދަކުރައްވަމުން ގެންދެވިއެވެ. ރަނގަޅު ކާއެއްޗެއް ނުވަތަ މޭވާއެއް ލިބިވަޑައިގަތަސް އެއިން އެއްބައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުވަފަތް އަނބިއަނބިކަނބަލުންނަށް ފޮނުއްވައިފައި ނޫނީ އެކަލޭގެފާނު ފަރީއްއެއް ނުކުޅުއްވައެވެ. އެބޭކަނބަލުންގެ ތެރެއިން އެންމެ ފަހުން ތަކެތި ފޮނުއްވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ އަށެވެ.
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބަރާބަރަށް އެބޭކަނބަލުނަށް ބޭނުންފުޅުވާނެ ޚަރަދުބަރަދު ފޮނުއްވައި ހައްދަވައެވެ. އެއްފަހަރަކު ދިމާވި ޙާދިޘާއެކެވެ. عُمَرُ ގެފާނު، އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް އަށް އެކަމަނާގެ ޚަރަދު ބަރަދަށްވާ ފައިސާ ފޮނުއްވިއެވެ. އެ އެއްޗެތިކޮޅު ލިބިވަޑައިގެންނެވުމުން އެކަމަނާ ހީފުޅު ކުރެއްވީ އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނާ ލައިގެން ފޮނުއްވި އެއްޗެއް ކަމަށެވެ. ނަމަވެސް އެ ހިފައިގެން އައި ބޭކަލުން އެއީ ހަމައެކަނި އެކަމަނާގެ ޚަރަދަށް ފޮނުއްވި އެއްޗެއްކަމަށް ވިދާޅުވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ.
[ޞުބްޙާނަﷲ އެވެ. ތިޔަ އެއްޗެހި ތަކުގެ މަތީން ފޮތިގަނޑެއް އަޅައި ނިވާކޮށްލައްވާށެވެ.]
އެއަށްފަހު އެކަމަނާ ޚާދިމު ބަރުޒާ ބިންތު ރާފިޢުއަށް އެންގެވިއެވެ. [މީގެ ތެރެއަށް އަތްލައިފައި މުއްފުރެންދެން ނައިގެން ގޮސް އެވެނި މިވެނި ބަޔަކަށް ދީފައި އަންނާށެވެ.] މިގޮތުގެ މަތީން ވަރަށް ގިނަ މީސްތަކުންނަށް އެ ތަކެތި ބެއްސެވިއެވެ. އެއަށްފަހު ބަރުޒާ ބިންތު ރާފިޢު ދެންނެވިއެވެ.
[އޭ މުއުމިނުތަކުންގެ މަންމާފުޅާއެވެ. މާތްﷲ ގަންދެމެވެ. ދެން ބާކީ ހުރިބައި ޙައްޤުވަނީ އަޅުގަނޑުމެންނަށެވެ.] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [ދެން ބާކީ ހުރި އެއްޗެއް ކަމަނާ ބޭނުންކޮށްލާށެވެ.] ދެން ބަރުޒާ އެ ބެއްލެވިރު ފެނިވަޑައިގެންނެވީ އެންމެ އަށްޑިހަ ފަސް ދިރުހަމެވެ. އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް އަތްޕުޅު މައްޗަށް ނަންގަވައި ދުޢާފުޅު ކުރެއްވިއެވެ.
[ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ދެން ފަހަރަކުން އަޅުގަނޑުގެ ޚަރަދު ޢުމަރުގެފާނު ފޮނުއްވަންދެން އަޅުގަނޑު ދިރިދުނިޔޭގައި ނުލަހައްޓަވާންދޭވެ.]
އެއަށްފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވެއްޖެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ އަވަހާރަވީ އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ.
އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި، އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެބޭކަނބަލުން ފަރީއްކުޅުއްވުމަށް ޖަނަވާރުގެ ބޮލާއި ފައި ފޮނުއްވައި ހައްދަވައެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 255}
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. ފުރަތަމަ ކޮޅު ޢުމަރުގެފާނު އެކަމާ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އެކަލޭގެފާނު އެބޭކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ އިޒުނަ ދެއްވިއެވެ. އެބޭކަނބަލުންގެ ޙަވާލުގައި ފޮނުއްވެވީ ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު އެވެ. އޭގެ ތެރެއިން އެބޭކަލަކު، އެބޭކަނބަލުންގެ ސަވާރީތަކުގެ ކުރިމަތީން، އަނެއް ބޭކަލަކު އެބޭކަނބަލުންގެ ސަވާރީތަކުގެ ފަހަތްޕުޅުން ދަތުރު ކުރެއްވުމަށް އަމުރުކުރެއްވިއެވެ.
އެބޭކަނބަލުން ދަތުރު ކުރައްވަމުން ވަޑައިގެން މަންޒިލު ކުރައްވަން ބޭނުންފުޅު ވެއްޖެނަމަ ދެ ފަރުބަދައެއްގެ ދެމެދަށްވާނެހެން މަންޒިލު ކުރެއްވުމަށް އެންގެވިއެވެ. އަދި ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު ފަރުބަދައިގެން ދެފަރާތުގައި ތިއްބަވައިގެން ހިލޭ މީހުން އެބޭކަނބަލުންނާ ގާތްވިޔަ ނުދިނުމަށް އެންގެވިއެވެ. ހަމައެހެންމެ އެބޭކަނބަލުން ކަޢުބާގެ އަރިހުގައި ޠަވާފު ކުރައްވާއިރު އެއްވެސް ފިރިހެނަކު ޠަވާފު ކުރިޔަ ނުދިނުމަށްވެސް އެންގެވިއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 256}
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެއްފަހަރު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން އެކަމަނާގެ ކޮއްކޯފުޅު އުއްމު ކުލްޘޫމު ގެ ކާވެނިފުޅަށް އެދިވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އެކަމަނާގެ ކޮއްކޯފުޅަށް އެ ޚަބަރު ދެއްވުމުން އޭނާ ވިދާޅުވިއެވެ. [އަޅުގަނޑު ތިޔަ ކާވެނި ކުރާކަށް ބޭނުމެއްނޫނެވެ.] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [ކަމަނާ އަމީރުލް މުއުމިނީންގެ ކާވެނީގެ ހުށައެޅުއްވުން ރައްދު ކުރައްވަނީތޯއެވެ.؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [ޢުމަރުގެފާނަކީ ވަރަށް އުނދަގޫ ދިރިއުޅުއްވުމެއް އުޅުއްވާ ބޭކަލެކެވެ. އަންހެނުންގެ ކަންތައްތަކުގައި އެކަލޭގެފާނަކީ ވަރަށް ހަރުކަށި ބޭފުޅެކެވެ.]
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އަށް ސީދާ މިވާހަކަ އަމީރުލް މުއުމިނީންގެ އަރިހުގައި ދަންނަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ދެން އެކަމަނާ މިވާހަކަ ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު އަށް ޚަބަރު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މުއުމިނުތަކުންގެ މަންމާއެވެ. އަޅުގަނޑު ތިޔަ މައްސަލަ ހަމައަކަށް އަޅުވާނަމެވެ.] މިހެން ވިދާޅުވެ އެކަލޭގެފާނު ޢުމަރުގެފާނު އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑު ވާހަކައެއް އަޑު އަހައިފީމެވެ. ކަލޭގެފާނު އެއްޗެކޭ ހީފުޅު ނުކުރައްވާނަމަ ދަންނަވާލަންކަމަށެވެ.] ޢުމަރުގެފާނު ވިދާޅުވިއެވެ. [އެއީ އަނެއްކާ ކޮންވާހަކައެއް ހެއްޔެވެ؟]
ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ކަލޭގެފާނު އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އުއްމު ކުލްޘޫމަށް ކާވެނި ހުށައެޅުއްވިން ތޯއެވެ؟] ޢުމަރުގެފާނު ވިދާޅުވިއެވެ. [އާދޭހެވެ. އެކަމަނާ އަޅުގަނޑަށް އެކަށީގެން ނުވަނީތޯއެވެ. ނުވަތަ އަޅުގަނޑު އެކަމަނާއަށް އެކަށީގެން ނުވަނީ ތޯއެވެ.؟] ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ޖަވާބު ދެއްވިއެވެ. [ނޫނެކެވެ. ނަމަވެސް އެކަމަނާއަކީ އުއްމުލް މުއުމިނީން ޢާއިޝާގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގައި ބޮޑުފުޅުވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާގެ ގައިކޮޅުގައި މަޑުމައިތިކަމާއި، ލަޠީފީކަން ހަރުލައިފައިވެއެވެ. ކަލޭގެފާނަކީ މިޒާޖުފުޅު ހަރުކަށި ބޭފުޅެކެވެ. ކަލޭގެފާނު ދެކެ އެންމެން ބިރުގަނެއެވެ. ފަހަރެއްގައި އެކަމަނާ ކަލޭގެފާނާ ދެކޮޅަށް ކަމެއް ކުރައްވަފާނެއެވެ. އެއާއެކު ކަލޭގެފާނު އެކަމަނާއާމެދު ހަރުކަށިވެވަޑައިގެންފާނެއެވެ. އަބޫބަކުރުގެފާނުގެ ދަރިކަނބަލަކަށް އެފަދައިން ހަރުކަށިވެވަޑައިގެންނެވުމަކީ ރަނގަޅުކަމެއް ނޫނެއްނޫންތޯއެވެ؟.] ޢުމަރުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު މިހާރު އެކަމަނާގެ ކާވެނިފުޅާ ބެހޭގޮތުން ޢާއިޝާއާ ވާހަކަ ދައްކައިފީމެވެ.] ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ތިޔަކަންތައް އަޅުގަނޑު ހަމަޖައްސައިފާނަމެވެ.]{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 267-268}
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް އަހަރެއްގެ މައްޗަށް ދިހަ ހާސް ދިރުހަމު ފޮނުއްވަމުން ގެންދެވިއެވެ. ނަމަވެސް އުއްމުލް މުއުމިނީން ޞަފިއްޔާ ބިންތު ޙުޔައްޔު ރަޟިޔަﷲ ޢަންހާ އަށާއި އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ އަށް ދެއްވީ އެއަށްވުރެ މަދުންނެވެ. އޭގެ ދުވަސްކޮޅެއްފަހުން އެކަނބަލުންގެ އަހަރީ ޚަރަދަށްވާ ފައިސާ ބާރަ ހާސް ދިރުހަމަށް ބަދަލުކޮށްލެއްވިއެވެ. މިފަހަރުވެސް ޞަފިއްޔަތުގެފާނަށާއި، ޖުވައިރިއްޔަތުގެފާނަށް ދެއްވީ މަދުންނެވެ. ހަ ހާސް ދިރުހަމެވެ. މި ޚަބަރު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ލިބިވަޑައިގަތުމުން ހުރިހާ ބޭކަނބަލުންނަށް ހަމަހަމައަށް އިންޞާފުން ފައިސާ ބެއްސެވުމަށް އެދިވަޑައިގެންނެވިއެވެ. ޢުމަރުގެފާނު އެއްވެސް އިޢުތިރާޟެއް ނެތި ޢާއިޝަތުގެފާނު އެދިވަޑައިގެންނެވި ގޮތަށް ހަމަހަމައަށް އެބޭކަނބަލުންގެ މުސާރަފުޅު ހަމަޖެއްސެވިއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 486}
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި ޞަޙާބީންގެ ތެރޭގައި ތިއްބެވި ޢިލްމުވެރި ބޭކަލުންނަށް ޚާއްޞަ ގާތްކަމެއް އެކަލޭގެފާނު ބެހެއްޓެވިއެވެ. އެކަލޭގެފާނު އަބަދުވެސް ކަންތައްތަކުގައި ގޮތް ނިންމަވާއިރު އެބޭކައުކަނބަލުންގެ ޚިޔާލުފުޅުތައް ހޯއްދަވައި ހައްދައެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ފަތުވާ ދެއްވައި އުޅުއްވުމުގައި އެންމެ މަޝްހޫރު ހަތް ބޭފުޅުންގެ ތެރޭގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ. އެ ހަތްބޭފުޅުންނަކީ،
1. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު
2. އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު
3. ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު
4. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ
5. ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު
6. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު
7. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މިދެންނެވި ބޭކައުކަނބަލުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަތުވާތައް ވަކިވަކީން އެއްކޮށްފިނަމަ، ބޮޑު ފޮތެއް ތައްޔާރު ކުރެވިދާނެއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 341}
ނުނިމޭ
މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. ތިޔަ އެއްމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި: އާމީން











