ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ޚަބަރުތައް ގެނެސްދިނުމުގައި އެކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް ޚަބަރެއް ގެނެސްދީފައިވޭތޯ ބެލުމަށްޓަކައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނޫސްތަކުގެ އެސެސްމަންޓެއް ހަދަން ނިންމައިފިއެވެ.
މީޑިޔާ ކައުންސިލުން ބޭއްވި ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ މަޖުލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މީޑިޔާ ކައުންސިލަށް މިމައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ. އަދި ކުޑަކުދިންނާއި ގުޅުން ހުންނަ ޚަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިންގެ އަޚުލާޤީ މިންގަނޑާއި ޚިލާފު ކަންކަން އެޑިޓަރުންގެ ސަމާލުކަމަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފިޔަވަތީގައި ހިނގާދިޔަ ހާދިސާގައި އެތާނގައި ދިރިއުޅޭ ކުދިންނާއި ބެހޭގޮތުން ނޫސްތަކުން ޚަބަރު ގެނެސްދިނުމުގައި ނޫސްވެރިންގެ އަޚުލާގީ މިންގަނޑާމެދު ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވަނީ ވިދޅުވެފައެވެ. އެގޮތުން އެކުދިންގެ ވީޑީޔޯތަކާއި ފޮޓޯތައް ފޭސްބުކުގައި ޝެއަރ ކޮށްފައިވާކަން އޭނާ ވަނީ ފާހަނގަކުރައްވާފައެވެ.









