ދިވެހިރާއްޖޭގައި މިހާރު ވަރށް ފޯރިޔާއި އެކުކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިންޑިއާ އާއި ދެކޮޅަށް ދިވެހި ޤައުމީ ޓީމް ކުޅޭ މެޗުން ރާއްޖެއަށް ފުރިހަމަ ކާމިޔާބީއެއް ލިބުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުއާކޮށްދިނުމަށް ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އެދިލައްވައިފި އެވެ.
ދިވެހިންގެ ލެޔާއި ގުޅިފައިވާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ވިދާޅުވެފައިވަނީ ދިވެހި ޤަޤުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދި ދުޢާ ކޮށްދިނުމަށެވެ. އަދި ދުޢާގެ ނަތީޖާ މިރޭގެ މެޗުން ވެސް އިންޝާﷲ އަދި ފައިނަލް މެޗުންވެސް ފެނިގެންދާނެ ކަމަށް އަކްރަމް ވިދާޅުވެފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން އަކްރަމް ވިދާޅުވީ ދިވެހި ހުރިހާ ސަޕޯޓަރުން ވެސް ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ޤަބޫލުކުރާ ކަމުގައެވެ. އަދި ހުރިހައި ދިވެހިން އެގޮތުގައި ތިބޭނަމަ މި މުބާރާތުގެ ތަށި ދިވެހި ޤައުމީ ޓީމަށް ނުނެގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
”ބޮޑު ސްކްރީން ދޮށުގައި ވެސް، ރަށުގައި ވެސް ނުވަތަ ގޭގައި ވެސް އަޅުގަނޑުމެންނަށް ސަޕޯޓުކޮށްދެއްވާ. އަޅުގަނޑުމެންނަށް ހެޔޮ ދުއާ ކޮށްދީ. އެ ދުޢާގެ ނަތީޖާ އިންޝާﷲ އަޅުގަނޑުމެންނަށް މާދަމާ އަދި ދެން އަންނަ ފައިނަލް މެޗުގައިވެސް ފެނިގެންދާނެ“
ދިވެހި ފަސްގަނޑުގައި އިންޑިއާއާއި ދެކޮޅަށް ދިވެހި ރާއްޖެ މިރޭ ނުކުންނަ މެޗަކީ ރާއްޖެއަށް މި މުބާރާތުގައި ވަރަށް މުހިންމު މެޗެކަށް ވެގެންދާނެއެވެ. މިރޭގެ މެޗުން ދިވެހިޓީމް ބަލިވެއްޖެނަމަ މި މުބާރާތާ އަލްވަދާއު ކިޔުން ނޫން ގޮތެއް ރާއްޖެއަކަށޤ ނެތެވެ.
އެހެން ކަމުން ހުރިހައި ދިވެހިންވެސް މިރޭގެ މެޗުން ރާއްޖެއަށް ފުރިހަމަ ކާމިޔާބީއެއް ލިބުމަށް އެދި ދުޢާ ކުރުމަކީ ދިވެހި ޤައުމީ ޓީމްގެ ކެޕްޓަންގެ ވަރަށް ބޮޑު އެދުމެކެވެ.










