މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފިއެވެ.
މިކަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަށް ފޮނުއްވެވި ސިޓީއެއްގައެވެ.
ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވަނީ ދިވެހެި ރާއްޖޭގެ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ފުލުހުންގެ އައު ޤާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މި އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ހޯމްމިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެމަސައްކަތްތައް ހަމަޖެހިފައިވާގޮތް ސިޓީއާއިއެކު ފޮނުވާފައިވާކަމަށެވެ.
ގާނޫނުއަސާސީގެ 242 ވަަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށް އޮތްއިރު ރައީސް އޮފީހުން ފުލުސް އޮފީހާއި ގުޅުންހުރި ކަންކަމުގައި ޖަވާބުދާރީ ވާނީ ކޮން މިނިސްޓްރީއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.









