18 ކިލޯ މަސްތުވާ ތަކެއްޗާ އެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މަސްތުވާ ތަކެއްޗާއެކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ބްރެޒިލް އަށް ނިސްބަތްވާ ކްރިސްޓިއާނޯ ސިލްވާ (28) އާއި ނައިރު ނޫނޭސް ޑިސޫޒާ (37) އެވެ. މިދެމީހުންނަކީވެސް ބިދޭސީންނެވެ.
ފުލުހުން ވިދާލުވި ގޮތުގައި މިދެމީހުންގެ ލަގެޖުން ޕެކިންއާއެކު 18.857 ކިލޯ މަސްތުވާ ތަކެތި ވަނީ ފެނިފައެވެ.
މިދެމީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ. އެގޮތުން ކްރިސްޓިއާނޯ އަށް 15 ދުވަސް ކޯޓުން މުއްދަތު ޖަހާފައިވާއިރު ނައިރު އަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ 7 ދުވަހެވެ.
ހަމައެދުވަހު (މިދިޔަ އަންގާރަ ދުވަހު) މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ނ. އަތޮޅު ފަޅުރަށެއްގެ ފަޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.









