ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާއި ދޭތެރޭ މަހަށް ނުކުމެ އުޅުނު ޑިންގީއެއް މޫސުމް ގޯސްވުމުގެ ސަބަބުން ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑިއެފުން ބުނީ 4 މީހުންނާއި އެކު މަހަށް ނިކުމެ އުޅުނު ޑިންގީ ބަންޑުންޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 3:40 ހާއިރު ކަމަށެވެ. އަދި ކޯސްޓްގާޑަށް ޑިންގީ އޮތް ހިސާބަށް ދެވުނީ ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮންކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުންއިތުރަށް ބުނެފައިވަނީ ޑިންގީ އިން ދަތުރުކޮށްފައިވަނީ 2 ފިރިހެނުންނާއި 2 ކުޑަކުދީންކަމަށެވެ. ވަގުތުން ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައިވާކަމަށާ، އެއަށްފަހު ޑިންގީ ވަނީ ފުށުން ޖަހާ، ޑިންގީ ކަފުޖަހައިގެން ނޮޅިވަރަމަށް ގެންގޮސްދީފައިވާކަމަށެވެ.
މި ދުވަސްވަރަކީ މޫސުމް ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުމް ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލާފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލުވެސް ވަނީ ނެރެފައެވެ.









