ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިޔަށް ގެންދެވުނު އަޑުއެހުމުގައި ބައިވެރިވި ފުލުހަކު ކޯޓަށް ނުފެންނަ ގޮތަށް ކެމެރާ އޮފްކޮށްގެން އިނުމުން އެކަން ކުށްވެރިކޮށް ކޯޓުން ފުލުހުންނަށް އިންޒާރެއް ދީފިއެވެ.
މީގެ ކުރިންވެސް މިފަދަ ގޮތަކަށް ފުލުހުން އަމަލުކޮށްފައިވާކަން ފާހަގަކުރަމުން ޤާޒީ ވިދާޅުވީ މިފަދަ ކުށެއް ތަކުރާރުވެއްޖެނަމަ ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ބަލައި ފުލުހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ވައްކަމުގެ މައްސަލައެއްގައި ކުރިޔަށް ގެންދިޔަ އޮންލައިން އަޑުއެހުމުގައި ބައިވެރިވި އިންވެސްޓިގޭޝަން އޮފިސަރ ކެމެރާ އޮފްކޮށްގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު އޭނަ ކައިރީގައި އެހެން މީހަކު އިރުޝާދު ދެމުންދާކަން ޤާޒީވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާ ސުވާލުކުރުމުން ފުލުސް މީހާ ވަނީ އޭނާ ކައިރީ އިތުރު މީހަކު ހުރިކަމަށް އެއްބަސްވެފައެވެ.
ކޯޓަށް ނޭނގި ޝަރީއަތުގައި ބައިވެރިވަމުން ދިޔަ ފުލުސް އޮފިސަރު ސްކްރީނަށް ފެންނަ ގޮތަށް އަންނަން ޤާޒީ އެންގިއެވެ. ގާޒީ ވަނީ ޝަރީއަތުގެ ހުއްދަނެތި އަދި ޝަރީއަތަށް އެނގުމެއް ނެތި މީހުން ނުވެއްދޭނެކަން ނޭނގެނީތޯ ސުވާލުކުރައްވައިފައެވެ.
ޖަވާބުގައި ފުލުހުން ވިދާޅުވީ އަޑުއެހުމުގައި ވާހަކަ ދައްކަން ޖެހުނީ އާ މީހަކަށްވާތީ އެމީހާއަށް އެހީތެރިވުމުގެ ގޮތުން ކޯޓަށް ނޭގި އެހެން ފުލުހަކުވެސް އެޝަރީއަތުގައި ބައިވެރިވީ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރެވުނީތީ ފުލުހުން ވަނީ މާފަށް އެދިފައެވެ.
އާ އޮފިސަރަކަށް އެހީތެރިވެދިނުމަށް ސްކްރީނަށް ފެންނަ ގޮތަށް ޝަރީއަތުގައި ބައިވެރިވުމަށް އެދުމުގައި ފުލުހުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެހެންނަމަވެސް ޝަރީއަތުގެ އުސޫލުތަކާ ހިލާފަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޤާޒީ ވަނީ ވިދާޅުވެފައެވެ.









