ށ.ފޭދޫގައި ތަރައްގީ ކުރަމުން އަންނަ ޕްރީ-ސްކޫލްގެ ބޭރު ފާރުގައި ”އިންޑިޔާ އައުޓް“ ލިޔުނު މައްސަލައެއް ތަހުޤީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ފޭދޫ ޕްރީ ސްކޫލްގެ ފާރެއްގައި ތަކުރާރުކޮށް އިންޑިއާ އައުޓް ލިޔުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމައްސަލަ ތަހުޤީގުކުރަމުން ގެންދާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކުރެވިފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނަކާއި އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ. މި ދެމީހުންވެސް ހައްޔަރު ކުރީ ފެބްރުއަރީ 27 ވަނަ ދުވަހުއެވެ.
މިދެމީހުންގެ ބަންދަށް މިހާރުވަނީ 7 ދުވަސް ޖަހާފައެވެ.
ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ އުޅޭތީ އެކަމާ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކޮށް އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވަމުންނެވެ. ”އިންޑިޔާ އައުޓް“ ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިން ހަރަކާތެކެވެ.









