2015 ވަނަ އަހަރު ފެބްރުއަރީމަހު އަނިޔާވެރި ގޮތަކަށް މަރާލި ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މީގެ ހަތް އަހަރު ކުރިން ދަރުބާރުގެ ކައިރީ ހުއްޓައި، ތޫނު އެއްޗަކުން ހަމަލާދީ ޖައިލަމް މަރާލި ކަމަށް ބުނެ ހަތަރު މީހެއްގެ މައްޗަށް ދައުލަތުންވަނީ ދައުވާ ކޮށްފައެވެ. ދައުވާ ލިބޭ ހަތަރު ފަރާތަކީ ވ. ސިނަމާލެ 4 އިސްމާއިލް އަނީގު، ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު، ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާން، އަދި ގއ. ވިލިނގިލި ފިޔަޖަހާގޭ މުހައްމަދު ހުމައިދުއެވެ.
ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނާގޮތުން ހަމީދުވަނީ ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭނާ ތޫނު އެއްޗަކުން ޖައިލަމަށް ހަމަލާ ދިންއިރު، އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާ ދިން ކަމުގައެވެ. ޖައިލަމަށް ހަމަލާ ދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެ މީހުން ފިލުވުމަށް މަސައްކަތް ކޮށްފައިވަތީ ނަސީބު ސައީދު އަދި އަލީ އިރުފާންގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.
ޖައިލަމްގެ މަރަށް ހަތްއަހަރު ވީ ފަހުން މިމައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ނިންމީ މައްސަލައިގެ ޝަރީއަތުގައި، ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކުން އެ ތަނުގައި ތިބީ ދައުވާ އުފުލިފައިވާ ހަތަރު މީހުން ކަން ސާފު ނުވާ ކަމަށާއި ފުލުހުން ތަހުގީގުކޮށް އެކުލަވާލާފައިވާ ރިޕޯޓްގައިވާ ގިނަ ކަންކަން ދައުވާ އުފުލިފައިވާ ހަތަރު މީހުނާއި ގުޅުވައި ނުލެވޭ ކަން ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ޖައިލަމްގެ މަރުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.









