ކޮވިޑްގެ އަޑިގަނޑުން އަރައިގަނެގެން އަންނައިރު ނުރައްކާތެރި ވިލާގަނޑެއް ބޯމަތިވަމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭގައި ގައުމާ މުހާތަބް ކުރައްވައި ދެއްކެވި ވާހަކަފުުގައެވެ.
ރައީސް ވިދާޅުވީ އެ ނުރައްކާތެރި ވިލާގަނޑަކީ ރަޝިޔާއާއި ޔުކްރޭނާ ދެމެދު ހިނގަމުންދާ ވިލާގަނޑު ކަމަށާއި، އެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ދިމާލަށް ގުޑުން އަރަމުންދާ ކަމަށެވެ. އަދި އެސަރަހައްދާ އެތައް މޭލެއް ދުުރުގައި ރާއްޖެ އޮތް ކަމުގައި ވިޔަސް އޭގެ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަން ފަށައިފި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނާނެ ކަމަށާއި، ރަޝިޔާއާއި ޔުކްރޭނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށެވެ. ރައީސް ވިދާޅުވީ މިދަނޑިވަޅަކީ ޔުކްރޭނަށް ވަރަށް ހިތްދަތި ވަގުތެއް ކަމަށާއި، މަޝްވަރާގެ މޭޒުދޮށަށް އައުމަށް ދެ ގައުމަށްވެސް ގޮވާލާ ކަމަށެވެ. އަދި ޔުކްރޭޔނަށް އެމަނިކުފާނުގެ ހަމްދަރުދީ ފާޅުކޮށް ވިދާޅުވީ ހަނގުރާމަ ކޮންމެގޮތަކަށް ނިމުނު ކަމުގައި ވިޔަސް ޔުކްރޭނުން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެ ގައުމު މެދުގައި ކުރަމުން އަންނަ ހަނގުރާމަ ދިގުލައިގެން ގޮސް އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ އިގްތިޞާދަށް ލިބިދާނެ ގެއްލުމުގެ އަންދާޒާއެއް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އިން މިހާރު އަންނަނީ ފިޔަވަޅު އަޅަމުން ކަމަށެވެ. ހަމައެގޮތަށް ރާއްޖޭގެ ޓޫރިޒަމަށް ލިބިދާނެ ގެއްލުން ދިރާސާކޮށް އާ މާކެޓްތައް ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ގުޅިގެން ކުރަމުން އަންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެ.











