ރާއްޖޭގައި ގްރޭޑް 5 ގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ އިނގިރޭސި ފޮތެއްގައި ލާދީނީ ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެއިއްތިހާދުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނާގޮތުން ރާއްޖޭގައި ގްރޭޑް 5 ގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ އިނގިރޭސި ފޮތް ”އެކްސްޕްލޯރިން އިންގްލިޝް“ ގައި ލާދީނީ ވާހަކަތަކެއް ހިމަނާފައިވާ ކަމަށާއި އެފޮތުގައި ޣައިރު ދީނެއްގެ ކަލާނގެއެއް ޕްރޮމޯޓްކޮށްފައިވާ ކަމަށެވެ.
އެހެން ދީނެއްގެ ބަޔަކު ކަލާނގެއެއް ކަމުގައި ދެކޭ އެއްޗެއްގެ މޮޅުކަން ގްރޭޑް ފަހެއްގެ އިނގެރޭސި ފޮތުގައި ބަޔާން ކޮށްފައިވާ ކަމަށް ރައްޔިތުންގެ އިއްތިހާދުން ބުނާއިރު އެ ފޮތަކީ ރާއްޖޭގެ އެންއައިއީ އާއި އިންޑިއާގެ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްއާ ގުޅިގެން ޝާއިއުކުރި ފޮތެކެވެ.
އިއްތިހާދުން ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅައި، އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށެވެ. އަދި އިސްލާމްދީނާ ހިލާފު ވާހަކަތައް ހުރި ފޮތުގެ ހުރިހާ ޗާޕެއް އިސްލާހު ކުރުމަށް ނުވަތަ ލާދީނީ ވާހަކަތައް ހިމެނޭ ފިލާވަޅު ނެގުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްވެސް ވަނީ އެދިފައެވެ.
އެ އިއްތިހާދުން ހާމަކުރި ގޮތުގައި މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އެޑިއުކޭޝަން މިނިސްޓްރީއާ އެހެނިހެން އިދާރާތަކަށް ސިޓީ ފޮނުވައިގެންވެސް ޖަވާބު ލިބިފައިނުވާ ކަމަށެވެ.









