ށ. ފޯކައިދޫ އިން ފުރައިގެން 130 މީހުންނާއި އެކު ދަތުރުކުރި ”ފުރާގު2“ ބޯޓު ފަރަށް އެރުމާއި ގުޅިގެން އެބޯޓުން ދަތުރުކުރި މީހުންނަށް ނައިފަރު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދީ ނަމޫނާ ދައްކައިފިއެވެ.

ބޯޓުން ދަތުރުކުރި މީހަކު މި ނޫހާއި ވާހަކަ ދައްކަމުން ބުނީ ބޯޓު ފަރަށް އެރުމާއި ގުޅިގެން ބޯޓުން ދަތުރު ކުރި އެންމެން ނައިފަރަށް ގެންދިޔަކަމަށެވެ. އަދި އެމީހުން ނައިފަރަށް ގެންދިޔަ އިރު ނައިފަރުގެ ރައްޔިތުން ބަނދަރުމަތީގައި އެހީތެރިވުމަށް ނިކުމެ ތިބިކަމަށެވެ. އެގޮތުން ބަނދަރުގައި ގޮޑި ޖަހާ، ފެނާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިހުރި ކަމަށެވެ.
ނައިފަރު ރައްޔިތުންގެ ފަރާތުން މި ފެނުނީ ވަރަށް ވެސް ފުރިހަމަ އެހީތެރިކަމެއް. އެންމެންވެސް ވަރަށް ހެޔޮ.
ފުރާގު ބޯޓުން ދަތުރުކުރި ފަސިންޖަރެއް
ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ ފުރާގު ބޯޓުން ދަތުރު ކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނީ އަމިއްލަ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ހަމަ އެއްބައެއް ކަމަށާ، އެކަތިގަޑެއްކަމަށެވެ.

ށ. ފޯކައިދޫއަށް ނިސްބަތްވާ ފުރާގު ބޯޓުން ދަތުރުކުރި މީހުންނަށް ނައިފަރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ފޯކައިދޫ ކައުންސިލުންވެސް ވަނީ ނައިފަރު ކައުންސިލާއި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ފުރާގު ބޯޓު ޅ.ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަރަށް އަރައިގެން ސިފައިން ނަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 20:30 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭގޮތުގައި ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.









