ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ
ގޮތުން ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.
ބީއެމްއެލް އިން ހަމަކުރެއްވިގޮތުގައި އެރަށު ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤްޞަދުގައި ތަރައްޤީ ކުރުވުނު މި ބާބަކިއު ސަރަހައްދުގައި ބާބައިކު ގްރިލް، ގޮނޑި އަދި މޭޒާއި ބެންޗު ވަނީ ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ޚާއްޞަކޮށް ފިނި މައިޒާނެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.
މި ޕްރޮޕޯސަލް ކާމިޔާބު ކުރި މުހައްމަދު ވިސާހު ވިދާޅުވީ “ އަޅުގަނޑުގެ އުންމީދަކީ މިރަށުގެ
ރައްޔިތުންނާއި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދިއުން.
މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލުމަށް އެހީތެރިވެދެއްވި ކާށިދޫ ކްލަބް ފްލަޔަރސް އާއި އެހެނިހެން ފަރާތްތަކަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.“
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށް ދެއްވާފައިވާކަމަށް ބީއެމްއެލް އިން ހާމަކުރައްވަ އެވެ.









