Search Streamline Icon: https://streamlinehq.com

ސިންގަޕޫރުގެ ސަފީރުކަމަށް އަޙްމަދު ތަސްމީން ޢަލީ

Thasmeen

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ.ރުވާމާގެ، އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އަޙްމަދު ތަސްމީން ޢަލީއަށް، ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަޙުމަދު ތަސްމީން ޢަލީ، މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހިމެނެއެވެ.

ޢަޙްމަދު ތަސްމީން ޢަލީއަކީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓުގެ ގޮތުގައި ޑީއާރުޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ބަލިވެ ވަޑައިގެނެވި ބޭފުޅެކެވެ. އޭގެ ދުވަސްތަކެއް ފަހުން 2013ގައި އެމަނިކުފާނު ވަނީ ޑީއާރުޕީން ވަކިވެވަޑައިގަތުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ ވަރަށްފަހަކާއި ޖެހެންދެން ހުންނެވީ މެލޭޝިއާގެ ހައި ކޮމިޝަނަރގެ މަޤާމުގައެވެ. ދެހާސް ނަވާރަ ވަނަ އަހަރު އެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ވިސާމް މިދިޔަ އޭޕްރިލް މަހު އިސްތިއުފާ ދެއްވި އިރު، އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަދި މިހާތަނަށް ހާމަ ކުރައްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *