ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނެރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްޤީކުރުމަަށް ސަރުކާރުން ނިންމާފައިވާކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަންގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ބޯޓިން ދާއިރާ ހިންގުމާއި އެ ދާއިރާ ކުރިއެރުވުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެންބީއޭއެމް ގެ ބޭފުޅުން ވަނީ އެންބީއޭއެމް އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަޤްވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުޞޫލެއް ނެތުމުން ދިމާވާ ދަތިތަކާއި، ބައިނަލްއަޤްވާމީ ކްރޫޒް ލައިނަރތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ޤުދުރަތީ ވަޞީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަމާއި، އެންބީއޭއެމްގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް އެބޭފުޅުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެންބީއޭއެމްގެ ބޭފުޅުން ފާހަގަކުރެއްވީ މުހިންމު ކަންކަން ކަމަށްވުމުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.









