ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އެކު ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވައިލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ރ. އަތޮޅު އަތޮޅު ކައުންސިލުން އިއުލާނުކުރައްވައިފިއެވެ.
ރ.އަތޮޅު ކައުންސިލުން އިޢުލާނު ކުރައްވާފައިވާ ގޮތުގައި މި މުބާރާތުގެ އެއްވަނައަށް އަންނަ ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުން ދެވަނައަށް އަންނަ ޓީމަކަށް ދިނުމަށް ހަމަޖެހިފައިވަނީ 20،000 ރުފިޔާކަމަށްވެސް ރ. އަތޮޅު ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
މިމަހުގެ ހަ ވަނަ ދުވަހު ރ.އަތޮޅު ކައުންސިލުން ކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ.
މި މުބާރާތުގެ މަޤުޞަދަކީ ރ.އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙް ދިރުވައި އާލާކުރުމާއި، އަދި އަތޮޅުގައި ފުޓްސަލް ކުރިއަރުވަން އެހީތެރިވުން ކަމަށްވެސް ރ.އަތޮޅު ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މުހިއްމު އެއް މަޤްޞަދު ކަމަށްވެސް ރ.އަތޮޅު ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.
ރ.އަތޮޅު ކައުންސިލުން ހާމަކުރައްވާ ގޮތުގައި މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާނީ އަތޮޅު ކައުންސިލުން ޚާއްޞަ ދައުވަތު ދީގެން ބައިވެރިވާ ޓީމުތަކެވެ.
މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންކަމަށްވެސް ރ.އަތޮޅު އަތޮޅު ކައުންސިލުން ހާމަކުރައްވައެވެ.










