Search Streamline Icon: https://streamlinehq.com

ބިންމަތީގައި ހިނގަމުންދާ ދިރުމެއްނެތް ޤަބުރެއް

Story Pics fenvaru online

އީމާންކަމުގެ ފޮނި ރަހަލައި، އަދި އެއަށްފަހު ޝަހުވަތްތަކަށް އެނބުރިގޮސް އީމާންކަމުގެ ތެދުމަގު ދޫކޮށްލި މީހާ ދުނިޔޭގައި އުޅޭނެ ހިތްދަތި ޙާލު ބަޔާންކުރައްވައި އިބްނުލް ޤައްޔިމު ވިދާޅުވިއެވެ:

”ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެ، އެކަލާނގެދެކެ ލޯބިވުމުގެ މިންވަރެއްގެ ރަހަލައި، އަދި ﷲ ތަޢާލާގެ ޙަޟްރަތަށް ވާޞިލުކޮށްދޭނެ މަގު އެނގި، ދެން އެއަށްފަހު އެމަގު ދޫކޮށްލައި، އޭނާގެ އެދުންތަކާއި އަރާމުތަކާއި ޝަހުވަތްތަކާއި ލައްޒަތްތައް ހޯދުމަށް އެނބުރިގަނެއްޖެ މީހާ، އޭނާ ހަލާކުގެ ވަޅުތަކަށް ވެއްޓޭނެ އެވެ. އަދި ދަތިކަމުން ފުރިފައިވާ ހުރަގެތަކަށް އޭނާގެ ހިތް ލެވޭނެއެވެ. އަދި ޢާލަމްތަކުގެ ތެރެއިން އެކަކަށްވެސް ނުލިބޭފަދަ ޢަޛާބެއް އޭނާ ދިރިހުއްޓައި ތަޖުރިބާކުރަން ޖެހޭނެއެވެ.

އެގޮތުން އޭނާގެ ދިރިއުޅުންވާހުށީ ނުކުޅެދުމާއި، ހިތްދަތިކަމާއި، މޮޅިވެރިކަމާއި ކަންބޮޑުވުމެއް ކަމުގައެވެ އޭނާގެ މަރުވުމުގައިވެސްވަނީ ހިތާމަޔާއި ސަހަރޯވެރިކަމެވެ. އޭނާ އެނބުރިދާން އޮތް ގޮވެއްޗަކީވެސް ހިތިކަރުނައާއި ދެރަކަމެވެ. އޭނާގެ ކަންތައްވަނީ އޭނާއަށް ބޮއްސުންލާ، ވިއްސިވިހާލިވެފައެވެ. އަދި ހިތާމަތަކާއި ކަންބޮޑުވުންތައްވަނީ އޭނާގެ ނަފްސަށް ވެރިވެފައެވެ.

ތަންދޮރު ނުދަންނަ ޖާހިލުންނަށް ލިބޭ ލައްޒަތެއްވެސް، އަދި ﷲ މަޢުރިފާކޮށް ދަނެގެންވާ މީހުންނަށް އިޙްސާސްވާ ރާޙަތެއްވެސް އޭނާއަކަށް ނެތެވެ. އެހީއަށް އެދިއެދި އޭނާ ގޮވާއިރުވެސް އެހީއެއް ނުލިބެއެވެ. ޝަކުވާ އުފުލާއިރުވެސް ބަލައިނުލެވެއެވެ!

އޭނާގެ އުފާވެރިކަމާއި ހިތްހަމަޖެހުންވަނީ އޭނާ ދޫކޮށް ފުރަގަސްދީ ގޮސްފައެވެ. އަދި ވޭނާއި ހިތާމަތަކާއި ހިތްދަތިކަންވަނީ އޭނާއާ ދިމާލަށް މިސްރާބުޖަހައި އޭނާ ވަށައިލާފައެވެ! އޭނާ ކުރިން އުޅެމުންދިޔަ މުނިއަވަސް ފިލުވުމާއި ހިތްހަމަޖެހުންވަނީ އެކަނިވެރިކަމުގެ އިޙްސާސަށް ބަދަލުވެފައެވެ.

އަދި ޢިއްޒަތުގެ އިޙްސާސް، ދެރަ ނިކަމެތިކަމަށް ބަދަލުވެ، ފުދުންތެރިކަން ފަޤީރުކަމަށް ބަދަލުވެފައެވެ. އޭނާގެ ހިތް އެކުވެ ޖަމަޢަވެގެންވާވުން، ވިއްސިވިހާލިވުމަށް ބަދަލުވެފައެވެ.

އެހެން އެކަންވީ: އެހެނީ ﷲ ތަޢާލާގެ ހަޟްރަތަށްވާ މަގު އޭނާއަށް އެނގުމަށްފަހު، ދެން އޭނާގެ މޫނު އަނބުރާލައި އެމަގު ދޫކޮށްލުމުންނެވެ. އޭނާއަށް ދުރުން ފެނުނެވެ. ނަމަވެސް ދެން އޭނާ ކަނުވިއެވެ!

އޭނާއަށް އެނގި ކަށަވަރުވިއެވެ. ދެން އޭނާކުރީ އިންކާރެވެ! އޭނާ ކުރިމަތިލައިގެން އުޅުނެވެ. ދެން އޭނާ ދިނީ ފުރަގަހެވެ! އޭނާއަށް ގޮވައިލެވުނެވެ. އެކަމަކު އޭނާ ޖަވާބެއް ނުދިނެވެ! އޭނާ ވަނުމަށް ދޮރު ހުޅުވައިދެވުނެވެ. އެކަމަކު އޭނާ ދޮރަށް ފުރަގަސްދީ ދިޔައީއެވެ!

އޭނާގެ ވެރި ސާހިބާގެ މަގު ދޫކޮށްލިއެވެ. އަދި އެކުއެކީ އޭނާގެ ހަވާނަފްސު އެދޭގޮތަށް އެނބުރިނެ ކުރިމަތިލިއެވެ. ފަހެ ބައެއް ނަޞީބުތަކާއި، ބައެއް ޝަހުވަތްތަކުން ލައްޒަތެއް އަދި ރާޙަތެއް އޭނާއަށް ލިބުނަސް، އޭނާގެ ހިތްވަނީ ކަސްތަޅު އެޅުވި ބަންދުވެފައެވެ.

ތައުޙީދުގެ ތަނަވަސް ސަހަރުގެ ތެރޭ، ﷲ ތަޢާލާގެ މުނިއަވަސްފިލުމުގެ މައިދާނުތަކުގެ ތެރޭގައި، އެކަލާނގެދެކެ ލޯބިވުމުގެ ބަގީޗާތަކުގެ ތެރޭގައި، ކުއްތަންވުމުގެ ޖާފަތްތައް ކައިރިއަށް ދިޔުމުން ކަސްތަޅު އެޅުވިފަ އެވެ!

ޙައްޤު އިލާހަށް އޭނާ ފުރަގަސްދިނުމުގެ ސަބަބުން، އެންމެ ދަށު ދަރަޖައަށްވަނީ ވެއްޓިފައެވެ. އަދި ހަލާކުވެގެންދާ މީހުންގެ ސަފުތަކުގެ ތެރޭގައި އޭނާ ހިމެނުނެވެ. ހުރިހާ ވަޤުތަކުމެ، ފަރުދާގެ އަލިފާންވަނީ އޭނާގެ ހިތް ވަށާލާފަ އެވެ.

އޭނާގެ ވެރި ރައްބު އޭނާއަށް ފުރަގަސްދެއްވާ ދޫކޮށްލެވިހިނދު; ކައުނު އެކުއެކީ އޭނާއަށް ފުރަގަސްދީ މޫނު އަނބުރާލިއެވެ! އޭނާ އެދޭކަންތަކާ އޭނާއާ ދެމެދުވަނީ ހުރަސްއެޅިގެންނެވެ.

ބިންމަތީގައި ހިނގަމުންދާ (ދިރުމެއްނެތް) ޤަބުރެކެވެ! އޭނާގެ ފުރާނަވަނީ އޭނާގެ ހަށިގަނޑުގައި ބީރައްޓެހިކަމާއި އެކަނިވެރި އިޙްސާސެއްގެ ތެރޭގައެވެ. އޭނާގެ ހިތްވެސްވަނީ ދިރިއުޅުމުގެ މަތިން ފޫހިކަމެއްގައެވެ!

މަރުވާނޭނަމައޭ ހިތާހިތުން އޭނާ އެދެއެވެ. އޭނާގެ ކިބައިގައި ކޮންމެފަދަ ކަމެއްހުއްޓަސްވެސްމެއެވެ. އެޙާލަތުގައި އޭނާ ހުއްޓައި މަރު އަތުވެއްޖެނަމަ، ދެން އޭނާގެ މައްޗަށް ވެރިވެގެންދާނޭ ވޭންގަދަ ޢަޒާބާމެދު ސުވާލުވެސް ނުކުރާށެވެ! -ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ-…

އިންސާނާގެ ވެރި ރައްބުގެ ޙަޟްރަތުން މޫނުއަނބުރާލައި، އެކަލާނގެ ރުއްސަވާކަންތަކުގެ މައްޗަށް އޭނާގެ ޝަހުވަތް އިސްކުރުމުގެ ނަތީޖާއަކީ މިއެވެ. އޭނާގެ ބޭނުންތަކާ އެދުންތައް ޙާޞިލުވާނެ ސަބަބުތަކަށް ޤަދަރު ހުރަސްއަޅައެވެ. ދެން ދެކަންތައްވެސް އޭނާއަށް ނުލިބި ގެއްލިގެންދެއެވެ.

އެގޮތުން ދުނިޔޭގައިވެސް، އޭނާގެ ޝަހުވަތްތައް ކިލަނބުވެ، އޭނާއަށް ލިބުމަށް ނެތް އެއްޗެއް ހޯދުމަށްދޭ އަހައްމިއްޔަތުގެ ބޮޑުކަމުން ޢަޒާބު ލިބިލިބި ހުރެއެވެ.

އޭނާ އެހޯދަން އުޅޭ އެއްޗެއް ލިބުނަސް، އެވަށާލެވިގެންވަނީ ބިރުވެރިކަމާއި ހިތާމައާއި ވޭނާއި ހިތިކަމެވެ. ފަހެ މެދުކެނޑުމެއްނެތް ކަންބޮޑުވުމެކެވެ. ނިމުމެއްނެތް ހިތާމައެކެވެ. ހުސްވުމެއްނެތް ދަހިވެތިކަމެކެވެ…“

📖ޠަރީޤުލް ހިޖްރަތައިން 📖

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި