ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އަންނަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، މި ހަފްތާ ބަންދުގައި ނައިބު ރައީސް ރ. އަތޮޅުގެ މީހުން ދިރިއުޅޭ ފަސް ރަށަކަށާއި ކުނި ނައްތާލުމުގެ މަސައްކަތް ކުރާ ވަންދޫއަށް ޒިޔާރަތް ކުރައްވާނެ ކަމުގަ އެވެ.
ނާއިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ފަސް ރަށަކީ އިނގުރައިދޫ، ދުވާފަރު، މާކުރަތު، އިންނަމާދޫ އަދި އުނގޫފާރު އެވެ.
ނައިބު ރައީސް ރ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޞިއްޙީ މަރުކަޒުތަކުގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށްވެސް ނައިބު ރައީސް ޒިޔާރަތް ކުރައްވާނެ އެވެ.
ނައިބު ރައީސްގެ ދެދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރ. ޓޫރިޒަމް އެކްސްޕޯގެ ގާލާ ނައިޓުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.









