އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ ސ.ހިތަދޫ މިންހާ، މުޙައްމަދު މިންހާޖު، 28، ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި އޮޕަރޭޝަންގައި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ވަނީ ޖުމުލަ 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމުގައެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް ”ހަކުރާ“ އިން ވަނީ 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.
ގެއްލިގެން ހޯދަމުންދާ މުޙައްމަދު މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.
އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކޮށް ދެއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިލައްވާފަ އެވެ.









