މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި ހައްޔަރުކުރެވުނު ކުޑަކުއްޖަކު 16 އަހަރުގެ ޖަލު ހުކުމަކުން ސަލާމަތްވެއްޖެއެވެ.
މީގެ ހައަހަރުކުރިން 10 މާރޗް 2016 ވަނައަހަރު ނ.ވެލިދޫއިން ހައްޔަރު ކުރެވުނު ކުޑަކުއްޖަކު ހައްޔަރުކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން މިވަނީ ނިންމާފައެވެ. އަދި އެކުއްޖާގެ މައްޗަށް ދައުލަތުން ކުރާ ޑައިމޯފިން ޓްރެފިކްކުރިކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
މިމައްސަލައިގައި އެކުއްޖާ ހައްޔަރުކޮށްގެން ނ. ވެލިދޫގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކުއްޖާ ޑައިމޯފިން ޓްރެފިކްކުރި ކަމަށް ސާބިތުވެ 16 އަހަރަށް ޖަލަށް ލައި، އޭނާ 66،666ރ އިން ޖޫރިމަނާކުރުމަށް ވެލިދޫ ކޯޓުން ހުކުމްކުރިއެވެ. އެހެންނަމަވެސް 18 އަހަރު ނުފުރޭތީ ގާނޫނީ ގޮތުން ލިބޭ ލުއިތަކާ ހެދި، އޭނާ އަށް ވަނީ ލުއި އަދަބެއް ދީފައެވެ.
މަސްތުވާ ތަކެތި ގެންގުޅުމާއި އެތަކެތި ވިޔަފާރި ކުރިކަމަށް ދައުލަތުން ވަނީ އޭނަގެ މައްޗަށް ދައުވާކޮށްފައެވެ.
ފުލުހުންގެ ހައްޔަރުގައި ހުއްޓާ އޭނާ އަތުން ހޯދި މައުލޫމާތުތަކަށް ބިނާކޮށް، ފުލުހުން ވަނީ ވެލިދޫގެ ފަޅު ގޯއްޗެއްގެ މަގުފާރު ކައިރި ކޮނެ، ދެ ގްރާމްގެ ކެނަބިސް ހިމެނޭ 210 ސެލޯފިންކޮޅު ނަގާފައެވެ. އަދި އެރަށު ގެއެއްގެ ބިންގަނޑު ކޮނެ ނެގި ހަތަރު ރަބަރު ޕެކެޓުން 4.1 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.
މިމައްސަލައިގެ އިސްތިއުނާފުގައި އެކުއްޖާގެ ފަރާތުން ބުނެފައިވަނީ ފުލުހުން އެކުއްޖާ ހައްޔަރުކޮށްފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށާއި ފުލުހުން އޭނައާއި ދެކޮޅަށް ހެކި ހޯދާފައިވަނީވެސް ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރެވުނުއިރު އޭނަގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ.
ދައުލަތުން ވަނީ އެކަމަށް އެއްބަސްވެފައެވެ. ދައުލަތުގެ ފަރާތުން ބުނީ، އެއްވެސް މަސްތުވާތަކެއްޗެއް އެ ކުއްޖާގެ އަތުން ފެނިފައި ނުވުމުން، ކޯޓު އަމުރަކާ ނުލާ އޭނާ ހައްޔަރުކުރަން ޖެހޭ ސަބަބު ފިލައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ހަމައެއް ނޫން ކަމަށާއި، ހެކި ހޯދާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ގާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުން، މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ ކުށެއް ކޮށްފިކަމަށް، ނުވަތަ ކުށެއް ކުރަން އުޅެނިކޮށް ހައްޔަރުކުރާ މީހާގެ ބުއްދިއަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނޫނީ ކޯޓު އަމުރަކާ ނުލާ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްގެން ނުވާނެއެވެ.
އެހެންވެ ދައުލަތުން ވެސް އެދުނީ އެ ކުއްޖާ އަށް ވެލިދޫ ކޯޓުން ކުރި ހުކުމް ބާތިލްކޮށްދިނުމަށެވެ.









