ހުޅުމާލލޭގައި ވަގުު ޑޮލަރު ވިއްކަމުންދިޔަ ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ދެމީހަކު ހުޅުމާލެއިން ވަނީ ހައްޔަރުކުރެވިފައެވެ.
މިމައްސަލައިގައި ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެކެވެ. މިދެމީހުން ހައްޔަރުކުރެވުނީ ހުޅުމާލޭ މަގުމަތިންނެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.
ވަގު ޑޮލަރުގެ ވިޔަފާރިތަކަކީ މިހާރު ރާއްޖޭގައިވެސް ވަރަށް އާންމު މައްސަލައެކެވެ. ސޯޝަލް މީޑީޔާގެ އެކިއެކި ޕްލެޓްފޯމްތައް މމެދުވެރިކޮށް ފައިސާ އެކްސްޗޭންޖުގެ ނަމުގައި ބޮޑެތި އޮޅުވާލުންތައް ދަނީ ހިންގަމުުންނެވެ. މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުން މިހާރު މިވަނީ އާންމުވެފައެވެ.
އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށް ފުުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ. ވަކިން ހާއްސަކޮށް ޑޮލަރު ވިއްކާ ކަމަށް ބުނާނަމަ ޑޮލަރު ގަތުމުގެ ކުރިން މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލާލަން ވާނެއެވެ. އަދި ޑޮލަރު ގަންނަން ދާއިރު އެކުގައި އެހެން މީހަކު ގެންދިޔުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.









