Search Streamline Icon: https://streamlinehq.com

ވިއްސަކަށް އަހަރުގެ ތެރޭގައި ނުލިބޭހައި ބޮޑު ތަރައްޤީއެއް މި ދައިރުގައި ލިބިފައިވޭ: އަލިފުށި ކައުންސިލް

Raees Solih alifushi council

މިފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އަލިފުއްޓަށް އައިސްފައިވާކަމާއި އަދި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި އަލިފުށި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ޝުކުރު އަދާކުރައްވައިފި އެވެ.

އަލިފުށި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލާ އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އިއްޔެ މެންދުރު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

އަލިފުށި ކައުންސިލުން ވަނީ އަލިފުށީ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން މިވަގުތަށް ބޭނުން ވެފައިވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާޢީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މިބައްދަލުވުމުގައި އަލިފުށީ އ.ތ.މ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާކަމާއި، އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަލިފުށީގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫތައް ގޮސްފައިވާ ހިސާބާއި، އަދި ރޭވިފައިވާ މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި އ.ތ.މ ކޮމިޓީއާ ހިއްސާކުރެއްވި އެވެ. މިގޮތުން އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ނިމިގެން ދިޔުމަށްފަހުގައި ދެން އެންމެ ބޮޑުކަމަކަށް އޮންނާނީ ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުންކަމަށާއި، އެއީ ރަށްރަށުގެ ތަރައްޤީއަށް މުހިއްމުކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލިފުށީގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރައްވައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *