ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަންނަވަނީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ކުރު ޗުއްޓީއެއް ނަންގަވައިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންވަވާލެއްވުމަށް ފަހު އެ މަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިހަފުތާ ނިމޭ ހިސާބުގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައްބުނެ އެވެ.
ނިމި ދިޔަ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް ޞާލިޙް ވަނީ ސިންގަޕޫރައް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސިންގަޕޫރުގެ ހޮސްޕިޓަލަކުން އޮޕަރޭޝަނެއްވެސް ކުރައްވައިފަ އެވެ.
އޭގެ 8 މަސް ފަހުން ހަމަ އެއަހަރު(2022) ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރައް ވަޑައިގަންނަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިންގަޕޫރައް މިއަދު މިފެއްޓެވި ނުރަސްމީ ދަތުރުފުޅަކީ އެމަނިކުފާނު ޞީއްޙީ ފަރުވާއަކަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމެއް ނުވަތަ ނޫންކަމެއްވެސް އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.









