ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މަޢޫލޫމާތެއް ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް އާންމުވެފައިނުވާކަމަށާއި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލްގެ ކާޑުތަކުގެ މަޢުލޫމާތު އާންމުވެފައިވާ ކަމަށާއި ކަސްޓަމަރުން ނުހިންގާ މުއާމަލާތްތަކަށް ފައިސާ ކެނޑިފައިވާ ކަމަށް ބުނެެ ބޭންކަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ބޭންކުން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބޭންކުން ބުނެފައިވަނީ، ކަސްޓަމަރުންގެ މައުލޫމާތު ބީއެމްއެލް މެދުވެރިވެގެން އާންމު ވެފައި ނުވާނެ ކަމަށާއި ނަމަވެސް ބައެއް ފަހަރު ބައިނަލްއަޤުވާމީ މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތުތައް ލީކުވެފައި ހުންނަ ކަމުގައެވެ.
“ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައިނުވޭ. އެހެން ނަމަވެސް ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ. މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރޭ.” ބީއެމްއެލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވަނީ ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، އެ ބޭންކުން އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ ފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް މޮނިޓާކުރަމުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
“މި ގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލާތްތަކެއް ހިނގާފައިވާ ގޮތަށް ބަލާއިރު ބައެއް ކަސްޓަމަރުންގެ ކާޑުތަކުންވަނީ މުއާމަލާތްތަކެއް ހިންގާފައި. ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފައި. އަދި ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލާ، އައު ކާޑު ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން،” އެ ބޭންކުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވަނީ މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގައެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށް ވެސް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.











