Search Streamline Icon: https://streamlinehq.com

ޢިލްމު އުނގެނުމަށް ވީ ޤުރުބާނީ- ފުރަތަމަ ބައި

Dheenee Vaahaka

އެކަލޭގެފާނުގެ ނަންފުޅަކީ އަބޫ ޢަބްދުއްރަޙްމާން بقي بن مخلد އަލް އަންދަލުސީ އަލް ޙާފިޛް އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 201 ވަނަ އަހަރު އެވެ. އަވަހާރަވީ ހިޖުރައިން 276 ވަނަ އަހަރުއެވެ. އުމުރުން ގާތްގަނޑަކަށް ވިހި އަހަރުގައި އަންދަލުސް އިން ބަޣްދާދަށް ފައިމަގުގައި ދަތުރުކުރެއްވިއެވެ.

މިދިގު ރާސްތާ އެކަލޭގެފާނު ކަޑައްތު ކުރެއްވީ ސަވާރުވާނެ އަހެއް، ޖަމަލެއް ނެތިއެވެ. އެކަލޭގެފާނުންގެ ހަމައެކަނި އެދުމަކީ އިމާމް އަޙްމަދު ބިން ޙަންބަލް އާއި ބައްދަލުކުރައްވައި އެކަލޭގެފާނުގެ އަރިހުން ޢިލްމު ޚާޞިލްކުރެއްވުމެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ.

”އަހުރެން ބަޣްދާދާއި ގާތްވި އިރު، އިމާމް އަހުމަދު ބިން ހަންބަލްގެ މަށްޗަށް ދަޢުވާކޮށް ޝަރީއަތް ކުރެވެމުން ދާކަމުގެ ޚަބަރު ލިބުނެވެ. އަދި އެކަލޭގެފާނާއި ބައްދަލުކުރުމާއި މުއާމަލާތްކުރުން ވެސް މަނާކޮށް، ގޭބަންދުކޮށް ކިވައިދެއްވުން ވެސް މަނާކޮށްފައި އޮތްކަމުގެ ޚަބަރު ލިބުނެވެ. މިކަމާ އަހުރެން ވަރަށް ބޮޑަށް ހިތާމަކުރީމެވެ. ކޮންމެއަކަސް ބަޣުދާދަށް ގޮސް އަހުރެން ކޮޓަރިއެއް ކުއްޔަށް ނެގީމެވެ.

އެއަށްފަހު ފުރަތަމަވެސް އަހުރެން މިސްރާބުޖެހީ [ބަޣްދާދުގެ] ބޮޑު މިސްކިތާއި ދިމާލަށެވެ. އެތަނުގައި އުނގަންނައިދޭ އެއްޗެއް އަަޑު އަހައި ދަސްކުރުމުގެ ނިޔަތުގައެވެ. ފަހެ އަހުރެން މިސްކިތަށް ދިޔައިރު ވަދެވުނީ ޢިލްމީ މަޖްލީހަކަށެވެ. އޭރު އެތަނުގައި މީހަކު ވާހަކަދައްކަމުން ދިޔައީ ބައެއް ރާވީންގެ ބަލިކަށިކަމާއި އަނެއް ބައެއްގެ ވަރުގަދަކަމާއި ބެހޭގޮތުންނެވެ. އެހިނދު އަހުރެން އެތެރެއަށްވަދެ ހަމަޖެހިލުމަށްފަހު ކައިރީގައި އިށީއިނދެގެން އިން މީހާކުރެން ސުވާލުކުރީމެވެ.

“އެއީ ކާކު ހެއްޔެވެ.؟ އެމީހާ ޖަވާބު ދިނެވެ. “އެއީ ޔަޙްޔާ ބުން މާޢީން” އެވެ. އެއަށްފަހު ޔަޙްޔާ އާއި ތަންކޮޅެއް ކައިރިން ހުސްޖާގައެއް ފެނުމުން އަހުރެން އަވަސް އަވަހަށް އެތަނަށް ޖެހިލާފައި ސުވާލު ކުރީމެވެ. “އޭ އަބާ ޒަކަރިއްޔާ، އެވެ. މާތްﷲ ކަލޭގެފަަނަށް ރަޙްމަތް ލައްވާށިއެވެ. އަހުރެންނަކީ ތިޔަބައިމީހުންގެ ތެރޭގައި ބީރައްޓެއްސަކީމެވެ. އަހުރެންގެ ބައެއް ސުވާލުތައް އެބަހުއްޓެވެ.

އެހިނދު އެކަލޭގެފާނު އަހުރެންނަށް ސުވާލުކުރުމުގެ އިޛްނަ ދެއްވިއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުންހިފައި އަހުރެންނާއި ދިމާވި ބައެއް ޙަދީޘް ޢިލްމުވެރިންނާއި ބެހޭގޮތުން ސުވާލުކޮށްފީމެވެ. އެކަލޭގެފާނު އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންނަށް ތައުރީފު ކުރައްވައި، އަނެއްބައި ބޭކަލުންގެ ބަލިކަށިކަމުގެ ވާހަކަ ދެންނެވިއެވެ.” އަދި އަހުރެން އެކަލޭގެފާނުގެ އަރިހުން ވަރަށް ގިނަ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، ހިޝާމް ބިން އައްމާރާއި ބެހޭގޮތުން ސުވާލު ކޮށްފީމެވެ.

އެހިނދު އެމަޖިލީހުގައި ތިބި މީހުން ބުނަން ފަށައިފިއެވެ. “ތިބާ އަށް މިހާރު ފުދޭވަރަށް ސުވާލުކުރެވިއްޖެއެވެ. މާތްﷲ ތިބާއަށް ރަޙްމަތް ލައްވާށިއެވެ. އެހެން މީހުންގެ ވެސް ސުވާލުތައް އެބަހުއްޓެވެ.”

އެންމެ ފަހުން އަހަރެން އެމަޖީސް ދޫކޮށް ދިޔުމަށްޓަކައި ތެދުވެފައި ބުނީމެވެ. “އަދި އެއް ބޭފުޅެއްގެ ވާހަކަ އަހަންނަށް އޮޅުންފިލުވައިދެވިދާނެތޯއެވެ.؟ އަޙްމަދު ބިން ޙަންބަލް އާއި މެދު ބުނާނީ ކީކޭތޯއެވެ.؟” އެހިނދު ޔަޙްޔާ ބިން މާޢީން އަހަރެންނާއި ދިމާއަށް ހައިރާންވެފައި ބަލައިލަމުން ވިދާޅުވިއެވެ. “އަޙްމަދު ބިން ޙަންބަލް ފަދަ މީހެއް، އަހަރެމެން ކަހަލަ މީހަކަށް ޖަޖް ކުރެވިދާނެތޯއެވެ؟ އެކަލޭގެފާނަކީ މުސްލިމުންގެ އިމާމެވެ. އަހުރެމެންގެތޭގައި ހުރި އެންމެ މޮޅު އަދި އެންމެ ޝަރަފުވެރި އިމާމެވެ.

“ ފަހެ އެހިނދު އަހުރެން މިސްކިތުން ނިކުމެ ސީދާ އިމާމް އަޙްމަދު ބުން ޙަންބަލްގެ ގެކޮޅާއޮ ދިމާލަށް މިސްރާބު ޖެހީމެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ ކައިރިޔަށް ގޮސް ދޮރުގައި ޓަކި ޖަހައިފީމެވެ. އެކަލޭގެފާނު އިޖާބަ ދެއްވުމުން އަހުރެން ބުނެފީމެވެ، ”އޭ އަބާ ޢަބްދުﷲ އެވެ.

ނުނިމޭ…………

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި