ދިވެހީންގެ ގައުމު އަނބުރާ ލިބޭނީ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން ވެރިކަމަށް ގެނެސްގެން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގައި އެ ކޯލިޝަނުން ބުނީ ދިވެހީން ފަޚުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވަނީ، ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިޙުސާސްތައް ކުރުވަމުން ކަމަށެވެ.
ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު، މިނިވަންކަމުގެ އިޙުސާސް ކުރެވޭތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.
“ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ޤައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން މިގެންދާ ވެރިކަން ނިމުމަކަށް ގެނެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ޤައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތެވެ.“ އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނީ ދިވެހި ޤައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ޚައްޞާޞް ވަގުތުގައި، ޤައުމުގެ މަސްލަހަތު ދިފާޢުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމެއް ކަމަށެވެ.
ރައީސް ޔާމީނާއި އެ ކޯލިޝަންގެ އުއްމީދާއި ދުޢާއަކީ މަދު ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑުމެންނާ ބައްދަލުކުރާ ރިޔާސީ އިންތިޚާބަކީ ޤައުމުގެ ޙާލަތު ބަދަލުކުރެވޭނޭ އިންތިޚާބެއްކަމުގައި ވުން ކަމަށް ވެސް އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.











