އުހުދު ހަނގުރާމައިގެ ދުވަހު މުސްލިމުންގެ ލަޝްކަރާއި އެކު ގަޒްމަން ނަމަކަށް ކިޔުނު މީހަކު ހަނގުރާމަ ކުރިއެވެ. އެގޮތުން އޭނާ މުޝްރިކުންނާއި ދެކޮޅަށް ވަރަށް ވަރުގަދައަށް ހަނގުރާމަ ކޮށް، އެބައިމީހުންގެ ތެރެއިން 7 ނުވަތަ 8 ވަރަކަށް މީހުން ގަތުލުކުރި އެވެ.
އެއަށްފަހު ހަނގުރާމަ ނިމި މައިދާނުގައި ތިބި މީސްތަކުން ހާލަތުބަލަމުން ގެންދިޔަ އިރު، އޭނާ ފެނުނީ ޒަޚަމްވެފައި ތިބި މީސްތަކުންގެ ތެރޭގައި ވަނިކޮށެވެ. އޭރު އޭނާވަނީ ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.
އެހެންކަމުން ބަނީ ޒުފުރަށް އޭނާ ގެންދެވުނެވެ. އޭރު މުސްލިމުންތައް ސުވަރުގޭގެ ބާއްޖަވެރި ޚަބަރު މީނާއަށް ދެމުން ގެންދިޔައެވެ. ނަމަވެސް އޭނާ ބުންޏެވެ. “ﷲ ގަންދީ ބުނަމެވެ. އަހުރެން ހަނގުރާމަ ކުރީ އަހުރެންގެ ޤަބީލާގެ މީހުންނަށްޓަކައެވެ. އެހެން ނޫންނަމަ އަހުރެން ހަނގުރާމަ ނުވެސް ކުރީމުހެވެ.” ދެންފަހެ މީނާ އަށް ލިބިފައިވާ ޒަޚަމްތައް އިތުރަށް ގޯސްވުމުން މީނާ އަމިއްލައަށް މަރުވިއެވެ.
ފަހެ މީނާގެ ވާހަކަ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައި ނަންގަނެވޭ ކޮންމެ ހިނދަކު، އެކަލޭގެފާނު ވަނީ ‘މާކުރިން އޭނާ އަކީ ނަރަކަވަންތަ ވެރިއެއް’ ކަމަށް ހަދީޘް ކުރައްވާފައެވެ.
ޤަޢުމަށްޓަކައި ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލިމަފުޅު މަތިވެރިކުރުން ނޫން އެހެން މަޤުޞަދުތަކުގައި ހަނގުރާމަ ކުރާ މީހުންގެ ނިމުމަކީ މިއީއެވެ. އެއީ އެބައިމީހުން އިސްލާމީ ދިދައެއްގެ ދަށުގައި ނުވަތަ ޚުދު ކީރިތި ރަސޫލާ ﷺ ގެ ލަޝްކަރުގައި ނުވަތަ އެކަލޭގެފާނުގެ މަތިވެރި ސަޙާބީންގެ އަރިހުގައި ހަނގުރާމަ ކުރިކަމުގައި ވީނަމަވެސް މެއެވެ.
ދަ ސީލްޑް ނެކްޓަރ [127] / ސައީފުއްރަޙްމާން އަލް މުބާރަކްޕޫރީ











