ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ޗެލްސީ ހޯދައިފި އެވެ.
ޕޯޗުގަލްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 42 ވަނަ މިނެޓުގައި ޗެލްސީގެ ހަވާޓްޒް ކާމިޔާބު ކޮށްފައިވަނީ މޭސަން މައުންޓް ދިން ވަރަށް ސަޅި ޕާހަކުން ނެވެ.
ޕޯޗުގަލުގެ ޕޯޓޯގައި ކުޅުނު ފައިނަލް މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލާއެކު ފުރަތަމަ ހާފް ނިމިގެން ދިޔަނަމަވެސް ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އަށް ރަނުގެ ފުރުޞަތެއް ލިބިގެން ދިޔަ އެވެ. ނަމަވެސް ހަވާޓްޒް ދިން ޕާހަކުން ޕުލިސިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ލަނޑު ޖަހަން ހުސް އެތައް ފުރުސަތުތަކެއް ލިބިފައިވީނަމަވެސް އެ ހުރިހައި ފުރުޞަތެއް ވަނީ ބޭކާރުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ރަހިމް ސްޓާލިންއަށް ވެސް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވެފަ އެވެ.
މި ހާފުގައި ސިޓީން ދެން ތަނަވަސްކުރި ފުރުސަތުތައް ޗެލްސީގެ ޑިފެންޑަރުން ދިޔައީ ހުޝިޔާރުކަމާއެކު ދިފާއުކުރަމުން ނެވެ. މިއީ ޗެލްސީ އަތުން ސިޓީ މި ސީޒަނުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ.
ކޯޗު ގާޑިއޯލާ ވަނީ 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ބާސެލޯނާގައި ހުރެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އޭގެފަހުން ބަޔާން މިއުނިކާއި ސިޓީގައި ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭގޮތެއްނުވެ އެވެ.










