ޕީޕީއެމްގެ ވެރިކަމެއް ޤާއިމް ކުރުމަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅޮ ކޯލިޝަނުގެ ރަނިންމޭޓް ހުސެއިން މުޙައްމަދު ލަތީފް ގއ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި ޝިޔާމް ވިދާޅުވީ، ޕީޕީއެމް ވެރިކަމެއް ރާއްޖެއަށް ގެނައުމަށް ޑރ.މުހައްމަދު މުއިއްޒުއަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށާއި މުއިއްޒު އާއި ސެމްބެއަށް ފުރިހަމައަށް ޕީޕީއެމުން ތާއިދުކުރާ ކަމަށެވެ.
ޝިޔާމް ފާހަނގަކުރެއްވު ގޮތުގައި ޕީޕީއެމާއި ޕީއެމްސީ އަކީ ނަމުގައި ދެޕާޓީ ވިޔަސް އެއީ އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރަމުން އަންނަ އެއް ބައެކެވެ. ޝިޔާމް ވިދާޅުވީ ޑރ. މުޢިއްޒަކީވެސް ޕީޕީއެމްގެ ބޭފުޅެއް ކަމަށާއި އަދި ޙުސައިން އަކީވެސް ޕީޕީއެމްގެ ބޭފުޅެއް ކަމަށެވެ.
”އަޅުގަނޑުމެންގެ ސަޕޯޓަރުން މަގުމަތިވިޔަ ނުދިނުމަށްޓަކައި ރައީސް ޔާމީން ގެންގުޅުއްވި ބައިވަރު ގޮތްތަކެއް. އޭގެން އެންމެ އެކަށީގެންވާ ގޮތަކަށް ފެނުނީ ޑރ. މުޢިއްޒު އާއި ސެންބެގެ ޕެއަރ.“ ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވި ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ރޯލެއް ކުޅުއްވި އެއް ބޭފުޅަކީ ޑރ. މުޢިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވާ ވައްޓަފާޅިއާއި އެމަނިކުފާނުގެ ތަޞައްވަރު ޑރ. މުޢިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެއާއެކު ޙުސައިން އަކީ ރައީސް ޔާމީން ޒުވާނުންނާމެދު ގެންގުޅުއްވާ ތަޞައްވަރު ޙަޤީޤަތަކަށް ހައްދަވައި ދެއްވާނެ ބޭފުޅެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމްގެ ވާހަކަފުޅުގައި އޭނާ ވަނީ ޕީޕިއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ގައުމުގެ ފިކުރުގައި ތަރަައްގީގެ ފިކުރުގައި ނިކުންނެވި ބޭފުޅެއް ކަން ފާހަގަކުރައްވާފައެވެ.
”ދެވަނަ ބުރަކަށް އަޅުގަނޑުމެން ޖާގަ ނުދެއްވަައި ފުރަތަމަ ބުރުން އެއް ބުރުން މިކަންތައް ނިންމުމަށް ޓަކައި އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ. ޔަގީންނުން ވެސް ތަރައްގީއަށް ޓަކައި އެހެން ޕާޓީއަކަށް ވޯޓު ދޭކަށް ނުޖެހޭ.“. ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޕީއެންސީގެ ކެނޑިޑޭޓް ޑރ، މުއިއްޒުއަކީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫގެ ސީދާ އިރުޝާދު ފުޅާއެކު އެމަނިކުފާނުގެ ތަރައްގީގެ މަދަރުސާއިން ތަރުބިއްޔަތުވެގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އެންމެ ބުރަކޮށް އަވަދިނެތިކޮށް މަސައްކަތް ކުރެއްވީ ވެސް ސީދާ ޑރ. މުއިއްޒުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ތަރައްގީއޭ ކިޔައިގެން އެހެން ޕާޓީތަކުގެ ކެނޑިޑޭޓުން ދައްކާ ވާހަކަތަކާ މެދު ވިސްނަން ނުޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.









