އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ޢާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެގޮތުން ރިޔާސީ އިންތިހާބު ގައި، 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ، ފައިނަލް ލިސްޓު، މިއަދު ސަރުކާރުގެ ގެޒެޓްގައި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމު ކުރާނެ ކަމަށް އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.
އެގޮތުން ވޯޓުލާން އެ ބޭފުޅަކު ރަޖިސްޓަރީ ވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުމަށާއި ހަބީބް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން އަމުރު ކުރައްވައިގެން ނޫންގޮތަކަށް، ވޯޓުލާމީހުންގެ މި ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
މީގެ އިތުރުން މި ފައިނަލް ލިސްޓަކީ، އިސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް ޢާންމުކުރަމުން، ސިޔާސީ ޕާޓީތަކާ ލިސްޓު ޙިއްޞާ ކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިޢާޔަތްކޮށްގެން، ފައިނަލް ކުރެވިފައިވާ އެންމެފަހުގެ ލިސްޓު ކަމަށް ވެސް ހަބީބް ވިދާޅުވެފައި ވެއެވެ.









