ދައުލަތަށް ލިބޭ ފައިސާ ޚަރަދުކުރަންވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތައްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅުގެ ކަމަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
2013 އިން 2018 އަށް ދިޔަ ދައުރުގައި ރައްޔިތުންނަށް ކަމެއް ކޮށްނުދެވި ދިޔައީ ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރި ވުމުން ކަމަށާއި ދައުލަތަށް ލިބޭ ފައިސާ ޚަރަދުކުރަންވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދައުލަތުގެ މުދާ ކުއްޔަށް ދީގެން ލިބޭ ފައިސާ ޚަރަދުކުރަން ޖެހޭނީ ރައްޔިތުންނަށްކަމަށާއި އެކަމަކު 2013 އިން 2018 އާއި ދޭތެރޭ ވެރިކަން ކުރި ފަރާތްތަކުން އެކަން ނުކުރެވުނީ ކީއްވެގެންތޯ ސުވާލު އުފެދޭކަމަށެވެ.
ނިމިގެން ދިޔަ ސަރުކާރަށް ފަސްއަހަރުގެ ފުރުސަތެއް ރައްޔިތުން ދެއްވީ ހުރިހާ ބާރަކާއި މަޖިލީހުގެ ބޮޑު މެޖޯރިޓީއާއި ވެސް އެކުގައި ކަމަށާއި އެހެންނަމަވެސް ނުކުރެވުނީ ކީއްވެގެންކަން ވަރަށް ސާފުކޮށް އެބަ އިނގޭކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވެ އިހުމާލުވީމައި ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކުރީ ދިޔަ ސަރުކާރުން ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް ކުއްޔަށްދީގެން ދައުލަތުގެ ބަޖެޓަށް ވައްދަންވީ ފައިސާ ގެއްލުވާލީ ކަމަށާއި، އެފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި ކަމަށެވެ.
ބ.އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ އެއަތޮޅު ދަރަވަންދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ރައީސް ޞާލިޙްގެ ކެމްޕޭނު ޓީމުން ވަނީ ނިންމާފައެވެ.









