މަސްތުވާތަކެތީގެ މުއާމަލާތުކުރުމުގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
26 މެއި 2016 ވަނަ އަހަރު މެންދަމު ގދ. ތިނަދޫގައި، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުރި ތަނަށް ގޮސް އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގައި އިބްރާހިމް ރަޝީދު 15 އަހަރަށް ޖަލަށް ހުކުމްކޮށްފިއެވެ.
ޝަރީއަތުގެ އަޑުއެހުމުގައި އިބްރާހިމް ރަޝީދު ބުނެފައިވަނީ އެ މަސްތުވާ ތަކެއްޗަކީ އޭނަގެ އެއްޗެއް ނޫން ކަމަށާއި އެއީ ބަޔަކު އޭނާ ފްރޭމް ކުރުމަށް އެތަނުގައި ބޭއްވި އެއްޗެއް ކަމަށެވެ. ނަމަވެސް އެކަން ސާބިތު ކުރަން އަދި ދައުލަތުން ހުށަހަޅާފައިވާ ހެކި ނަފީ ކުރަން އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން އޭނަގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ވަނި ސާބިތުވެފައެވެ.
އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުން އިބްރާހިމް ރަޝީދު ވަނީ އެންމެ ލުއި އަދަބެއް ކަނޑައަޅައި ދިނުމަށާއި ޑްރަގް ކޯޓުން ފަރުވާއަށް ފޮނުވާ ގޮތަށް ހުކުމް ކުރުމަށް އެދިފައެވެ.
ނަމަވެސް ހަތަރު ގްރާމަށް ވުރެ މަދުން ޑައިމޯފިން ފެންނަ މައްސަލަތަކުގައި ފަރުވާއަށް ފޮނުވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކަމަށް ބުނެ އަމިއްލައަށް އިއުތިރާފު ވުމުންނެވެ. މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިބްރާހިމް ރަޝީދު އިއުތިރާފުވެ އެގޮތަށް އެދިފައި ނުވެއެވެ. އެހެންވެ ކޯޓުން ނިންމީ އޭނާގެ މައްޗަށް ޖަލު އަދަބާއި ޖޫރިމަނާ ކަނޑައެޅުމަށެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ 15 އަހަރަށް ޖަލަށް ލުމާއެކު 25،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
ތިނަދޫ މެޖިސްޓްރޭޓަކަށް ހުންނަވަނިކޮށް އިބްރާހިމް ރަޝީދު މަޤާމުން ވަކިކުރެވުނީވެސް މަސްތުވާ ތަކެތީގެ މައްސަލައެއްގައެވެ.









