ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އޮންލައިންކޮށް ބެލޭ ގޮތަށް ހާއްސަ ވެބްސައިޓެއް ހަދައިފިއެވެ.
މުއިއްޒުގެ މެނިފެސްޓޯ އާންމުކޮށްފައިވަނީ މިމަހު 20 ވަނަ ދުވަހުގައެވެ. މި މެނިފެސްޓޯ އޮންލައިންކޮށް ބަލާލެވޭ ގޮތް މިހާރު މިވަނީ ހަދާފައެވެ.މެނިފެސްޓޯގައި 19 ދާއިރާއަކުން މުއިއްޒުގެ ވެރިކަމެއްގައި ކުރަން ނިންމާފައިވާ ކަންތައްތައް ވަނީ ހިމަނާފައެވެ.
މުއިއްޒުގެ މެނިފެސްޓޯގައި ޒުވާނުންނާއި، ކަނބަލުން، މަސްވެރިކަމާއި ގެދޮރުވެރިކަން އޯގާތެރި މުޖުތަމައު، އިސްލާމީ ނޫރާއި ދީނީ އަގީދާ، ވަޒީފާއާއި ވުނޭރުކަން، ތައުލީމާއި ތަމްރީން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން، ފިލްމީ ދާއިރާ، ފަންނުވެރިކަން އަދި މިއުޒިކް، ކުޅިވަރާއި ކަސްރަތު، ސިއްހީ ނިޒާމާއި ފަރުވާ، ސަރުކާރު ހިންގުމާއި ސިޔާސަތު ރޭވުން، އިގުތިސާދާއި މާލިއްޔަތު، އުމްރާނީ ތަރައްގީ އާއި މަޝްރޫއުތައް، ފަތުރުވެރިކަން، ދަނޑުވެރިކަމާއި ކާބޯތަކެތި، ތިމާވެއްޓާއި ހަކަތަ އަދި ދެމެހެއްޓެނިވި ތަރައްގީ، ދުސްތޫރީ، ގާނޫނީ އަދި ޝަރުއީ އިސްލާހު ހިމެނެއެވެ.
އަދި ހަމައެއާއެކު ޕޭޕެލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދެވޭނެއެވެ.
ރާއްޖޭގެ ތަރައްގީއަށް ކުރަން ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ގައުމުގެ ތަރައްގީއަށް މަޝްރޫއުތަކެއް ހިންގުމަށް ވައުދުވެއްޖެނަމަ އެ ކަންކަން ކޮށް ނިންމާފައިވާކަން ރައްޔިތުންނަށް ފެންނަންވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤާނޫނުން ލިބިދޭ ބޯހިޔާވަހިކަމުގެ ޙައްގުގެދަށުން، އަމިއްލަ ބޯހިޔާވަހިކަން ނެތް އެއްވެސް ރައްޔިތެއް ނެތްކަން ކަށަވަރުކުރައްވާނެކަމަށް ވިދާޅުވިއެވެ.









