އިދިކޮޅުޅުން މިހާރު ހަދަމުން އަންނަ ގޮތަކީ އެމްޑީޕީން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވަމުން އަންނަ ވައުދުތައް، ކޮޕީކޮށް އެ ވައުދުތަކަށް ބަދަލުގެނެސް އިއުލާން ކޮށްލަނީ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބުރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅުގައި މިހާރު ކުރިޔަށްގެންދާ ރިޔާސީ ކެމްޕެއިނުގައި އެ އަތޮޅު އޮޅުވެލިފުއްޓަން ވައިޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އިދިކޮޅުން މިހާރު ކުރަމުން އަންނަ ކަމަކީ އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ކުދިކުދި ބަދަލުތަކާ އެކު އިއުލާނުކޮށްލުން ކަމަށެވެ. ރައްޔިތުން އެ ކަމާ ފުންކޮށް ވިސްނަން ޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަހަރުގެ ކެމްޕެއިނުގައި އެމަނިކުފާނު ވެވަޑައިގަންނަވާ ގިނަ ވައުދުތައް ބަދަލުކޮށް އިދިކޮޅުން ވަމުން އަންނައިރު، ރާއްޖޭގެ ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމަށެެ.
”އެއްޗެއް ބުނާއިރަށް ދެން އެ ކުޑަކޮށް ބަދަލުކޮށްލައިފައި ބުނަމުން އެ ގެންދަނީ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ޅ. އަތޮޅުގައި އެކަހެރިކޮށް އޮންނަ އޮޅުވެލިފުއްޓަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ގިނަ ކަންތައްތަކެއް ކޮށްދެއްވާނޭ ކަމަށް ވައުވެވަޑައިގެންނެވެ.
އެގޮތުން އެރަށުގެ ބިން އިތުރުކޮށް، ފުލެޓު ނުވަތަ ރޯ ހައުސް އެޅުމާއި ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން ފަދަ ވައުދުތައް ވެވަޑައިގެންނެވިއެވެ.









