ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްގީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އަރބަންކޯގެ ފަރަތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނެޖިންގ ޑިރެކްޓަރ އަހްމަދް އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަހްމަދު އެވެ. ހަމަ މިއާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދެވުނު ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް 2 ގައެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރގެ ބިން މި މަޝްރޫއަށް ހާއްސަކުރެވިގެންދަނެއެވެ.
މި ހަފްލާފައި ވާހަކަ ދައްކަވަމުން އަރބަންކޯގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އެތަކެއް ޒުވާނުންގެ ކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ މި އެރީނާއާއެކު އިންޓަނޭޝަނަލް ސްޓޭންޑަޑް ޓްރެކްއެއްގައި ދިވެހި ޒުވާނުންނަށް ރޭސް ކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
“ މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިނަޓަރނޭޝަނަލް ސްޓޭންޑަރޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މިވަނީ ހަމަޖެހިފައި“ ވިދާޅުވެފައެވެ.

އަދި މިއާއިއެކު ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ވަނީ މިތަނުގެ ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯރ ސްޕޮރޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށް ރައީސް މުހައްމަދު ޝާމިހު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯރޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުމެވެ.









