އއ. ތޮއްޑޫގެ ދަނޑުވެރިކަން އިތުރަށް ތަރައްގީކުރަން އެރަށުގެ ދަނޑުވެރިންނަށް ސަބްސިޑީ ދެއްވާނެ ކަމަށް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތޮއްޑޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ތޮއްޑޫއަކީ ދަނޑުވެރިކަން ކުރިއަރާފައިވާ ރަށެއް ކަމަށާއި އެ މަސައްކަތް އިތުރަށް ތަރައްޤީކުރުމަށް އޭނަގެ ވެރިކަމެއްގައި ސަބްސިޑީ ދޭނެ ކަމަށެވެ.
ތޮއްޑޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން މިހާރުވެސް ކުރަމުން އަންނަ ރަށަކަށްވީ ނަމަވެސް ދަނޑުވެރިންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ދަނޑުވެރިކަން ފުޅާކުރުމަށް އެކަށީގެންވާ އެހީތެރިކަން ދީފައި ނުވާކަން ވަނީ ފާހަނގަކޮށްފައެވެ.
ދަނޑުވެރިންގެ ސަބްސިޑީ ލިބުމަކީ ސީދާ ދަނޑުވެރިންނަށް ލިބިގެންދާނެ މުހިންމު ވަސީލަތަކެއް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް ތޮއޑޫގައިވެސް މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭން މުއިއްޒު ވަނީ ވައުދުވެފައެވެ. މުުއިއްޒު ވިދާޅުވީ، ތޮއްޑޫއަކީ ނިސްބަތުން އެއްގަމު އުނޅަދު ގިނަ ރަށަކަށް ވެފައި، މަގުތަކުގެ ހާލަތު މިހާރު ހުރި ގޮތުން މުދާ އުފުލުމުގަ އާއި އާންމު ދިރިއުޅުމުގައި އެތައް ދަތިތަކެއް އާންމު ރައްޔިތުންނަށް ކުރިމަތިވާ ރަށެއް ކަމަށެވެ. އަދި ހާއްސަކޮށް ވިއްސާރަ ދުވަސްވަރުގައި މަގުތަކުގެ ހާލަތު އިތުރަށް ގޯސްވަމުން ދާ ކަމަށާއި އެކަމަށް ހައްލެއް ގެނެސް ރަނގަޅު ފެންވަރުގައި މަގުތައް ހައްދަވައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދިހަމައެއާއެކު ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެރަށު ސްކޫލު އެއް ދަންފަޅިއަކަށް ބަދަލުކޮށް، ކްލާސްރޫމުތައް އިތުރު ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ބަޔަކަށް ވާއިރު އެރަށުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބެން ނެތްކަންވެސް ފާހަގަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރުވެސް ރަށުގެ ސިއްހީ މަރުކަޒުގައި ހުރީ 4 އެނދު ކަމަށާއި ތަނުގެ ޖާގައިގެ ދަތިކަމަށާއި މުވައްޒަފުންގެ ދަތިކަން ވެސް އިންތިހާއަށް ބޮޑު ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ތޮއްޑޫގައި ބޭންކު ބްރާންޗެެއް، ޑޮލަރު އޭޓިއެމް ހިމެނޭ ގޮތަށް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.









