ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި ވެރކަމަށް އަންނަން ހިތުލީ މީހަކުވެސް ވިއްޔާ ލާފައިއޮތީ ޖަލަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބުރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވި ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާސީ އެކި ބޭފުޅުން ނުޙައްގުން ޖަލަށްލާކަމަށާއި ވެރިކަމަށް ޝައުޤުވެރިކަން ފާޅުކުރާ ކޮންމެ މީހަކުވެސް ލަނީ ޖަލަށްކަމަށެވެ. މީގެ ތެރޭގައި ރައީސް ޔާމިނަށް ކިޔަވައިދީ، ވަޒީފާދީ، ސިޔާސީ ދާއިރާއަށް ނެރެދެއްވި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްވެސް ޖަލަށްލީކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރައީސް ޔާމިންއަށް ކިޔަވައިދެއްވާ، މިނިސްޓަރުކަން ދެއްވައި، ސިޔާސީ ޕާޓީ ހައްދަވައިދެއްވާ، އެބުރުގެ ވެރިކަމަށް ކުރިމަތިލައްވައިގެން ދެވަނަ ބުރަށް ދިޔަފަހުން އެމަނިކުފާނު އަރިހަށް ތާއީދު ހޯއްދެވުމަށް ރައީސް މަޢުމޫނު ވަޑައިގެންނެވިކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ހޮވިވަޑައިގެންނެވި ފަހުން ރައީސް މަޢުމޫން އުމުރުން 80 އަހަރުގައި އެއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ގެންގޮސްލީ ޖަލަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާސިމްއާއެކު ޖަލްސާގައި އިންނެވި ބޭފުޅުންނަށް އިޝާރާތްކުރައްވާ ވިދާޅުވީ ރައީސް މަޢުމޫނާއެކު އެމަނިކުފާނާއި، އިލްހާމް އާއި، ޢަލީ ވަޙީދަކީވެސް ޖަލަށްލީ މީހުންގެ ތެރޭގައި ހިމެނޭ މީހުންކަމަށެވެ.
”…ވެރިކަމަށް އަންނަން ހިތުލީ މީހަކުވެސް ވިއްޔާ ޖަލަށް، ޖަލަށްލާން ބޭނުންނުވާ އެއްވެސް މީހަކު ނެތް، 30 އަހަރު ވެރިކަންކޮށްދީ، އަމިއްލައަށް ކިޔަވާދީ، ބޭބޭފުޅު، ރައީސް މަޢުމޫން، 30 އަހަރު ދުވަސް ވަންދެން ވެރިކަން ކުރެއްވި ބޭފުޅެއް، އުމުރުފުޅުން 80 އަހަރު ވީއިރު، ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމަށް ގެނެސް ބޭންދީމާ ކަންތައް ކުރިގޮތް އަޅުގަނޑުމެންނަށް މިހިރީ ފެންނަން“









