މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އޮންލައިން ނޫސް ސަންއަށް މައުލޫމާތު ދެމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓު ކަރުދާހާއި ސެކިއުރިޓީއަށް ބޭނުންވާ ހުރިހާ ސާމާނުތައް އިއްޔެ ހުރިހާ ރަށަކަށް ފޮނުވާ ނިމިފައިވާކަމަށެވެ.
އިންތިޚާބުގެ ކަންކަން ބެލުމަށް އަންނަ ބޭރުގެ މޮނީޓަރުންނާއި އޮބްޒާވަރުން އިއްޔެވަނީ ރާއްޖެ އަންނަން ފަށައިފައެވެ. ހަބީބް ވިދާޅުވީ މާދަމާގެ ނިޔަލަށް އެ ފަރާތްތައް ވެސް އައިސް ނިމޭނެ ކަމަށެވެ.
”އިންތިޚާބަށް އަޅުގަނޑުމެން [އީސީ]ން މި ވަނީ ވާން ޖެހޭ އެންމެހާ ތައްޔާރީތައް އެންމެ ފުރިހަމައަށް ވެފަ،“ ހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް އެއް ދުވަހަށް ވެފައިވާއިރު އީސީން މީގެ ކުރިން ވަނީ އެތައް ފަހަރެއްގެ މަތީން ޝަކުވާ ހުށަހެޅުމާއި، ރީރެޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ. އެއަށް ފަހު ފައިނަލް ލިސްޓް އާންމު ކުރިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި, މި ފަހަރުގެ އިންތިޚާބުގައި އަލަށް 27،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.









