މިމަހު 30 ވަނަ ދުވަހުގައި އޮންނަ އިންތިހާބުގައި ރައްޔިތުންނަށް ފަސޭހަ ވާނޭހެން ގަޑި އިތުރު ކޮށްްފިއެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ތައްޔާރީތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ 30 ވަނަ ދުވަހު އޮންނަ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ވަގުތު އިތުރު ކޮށްްފައިވާ ކަމަށެވެ.
އެގޮތުން ދެ ވަނަ ބުރުގެ ވޯޓު ލުން ކުރިއަށްދާނީ ހެނދުނު 8:00 ހަވީރު 5:00 އަށެވެ.
މި ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮތް އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ ހެނދު 8:00 ހަވީރު 16:00 އާއި ހަމަޔަށެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރެއިން 138،196 މީހުންނަކީ އަންހެނުންނެވެ. އަދި 144،199 މީހުންނަކީ ފިރިހެނުންނެވެ. މިއަދަދު އިތުރުވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި މިމަހުގެ ނިޔަލަށް 18 އަހަރުވާ ކޮންމެ މީހަކަށް ވޯޓުލެވޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ދެ ވަނަ ބުރުގެ ރީރަޖިސްޓްރޭޝަންގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި މިފަހަރު ވެސް އޮންލައިންކޮށް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯދި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދަނީ އެހެން ޕާޓީ ތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ރިޔާސީ އެިންތިހާބުގައި ވާދަ ކުރި މިނިވަން ކެނޑިޑޭޓް ފާރިޝް މައުމޫން އާއި މިރޭގެ ވަގުތެއްގައި ބައްދަލު ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ. ހަމަ އެއާއެކު ޑރ.މުއިއްޒުގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް އާއި އެޕާޓީގެ އިސް ވަފުދެއް މިހާރު ވަނީ ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބުރާހިމް އާއި ބައްދަލު ކުރުމަށް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައެވެ.









