ނ. މާފަރު ޕޮލިސް ސްޓޭޝަން ފަލާލައި އެ ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެއްޗާއި ބަނގުރާފުޅިއެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި މިއަދުގެ ވަގުތެއްގައި ވަގަށް ނަގާފައިވާ މައްސަަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.
ވަގަށް ނަގަފައިވާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއެއްގެ އިތުރުން ބައެއް އެހެން އެއްޗެހި ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އިންޓާނަލް ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނެގި މަސްތުވާތަކެއްޗަކީ އިއްޔެ އެރަށަށް ދިޔަ ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. އަދި އެ ތަކެތި ބަަހައްޓާފައި ހުރީ މާފަރު ޕޮލިސް ސްޓޭޝަންގައެވެ.
ދިވެހި ރާއޖޭގައި އޮންމެ ބޮޑު މައްސަލަ ކަމައްވާ މަސްތުވާ ތަކެތީގެ މައްސަލަ އަށް އެއްވެސް ސަރުކާރަކުން ހައްލު ގެނެވިފައި ނުވާ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
މީގެ ދުވަސް ކޮޅެއް ކުރިން ކަސްޓަމުން އަތުލާގަތް މަސްތުވާ ތަކެތި ވެސް ގެއްލުނު މައްސަލައެއްވެސް ވަނީީ ފެންމަތިވެފައެވެ.









