ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒު ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ވަގުތު މިއަދުގެ ނިޔަލަށް ހަމަވާއިރު މިދިޔަ ދެދުވަހުގެ ތެރޭގައި 25،000 އަށްވުރެއް ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓު ލީ މަރުކަޒު ނޫން އެހެން ތަނަކަށް ދެވަނަ ބުރުގައި ވޯޓުލާން އެދި ފުރަތަމަ ދުވަހު 9،206 މީހުން ފޯމް ހުށަހެޅި ކަމަށެވެ. އަދި ދެވަނަ ދުވަހު 16،287 މީހުން ރީރަޖިސްޓުރޭޝަން ފޯމު ހުށަހެޅިއެވެ. އޮންލައިންކޮށް ފޯމު ހުށަހެޅީ 18،349 މީހުންނެވެ.
ރީރަޖިސްޓްރީ ކުރަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 10،271 މީހުން ވޯޓުލާ މަރުކަޒު މިހާތަނަށް ވަނީ ބަދަލުކޮށްފަ އެވެ. އިތުރު މީހުން ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަމުން ދާކަމަށް އީސީން ބުނެފައެވެ.
އެކި އެކި ސަބަބުތަކާއި ހުރެ މިހާތަނަށް 1،546 ފޯމެއްވަނީ ބާތިލު ކޮއްފައެވެ. އެފޯމުތަކަކީ މައުލޫމާތު ފުރިހަމަ ވެފައި ނުވާ ފޯމު ތަކެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސްޓެޓަަސް ޕެންޑިން ކަމަށް ދައްކަނީ ފޯމުގެ ސައްހަކަން ކަށަވަރު ކުރަމުން ދާތީކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ރީރަޖިސްޓްރީ ކުރެވުނުކަމުގެ މެސެޖު ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ރީރަޖިސްޓްރީ ކުރަން އެދުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 4:00 އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވޯޓުލާ މަރުކަޒު ކަށަވަރު ކުރަން ހަބީބު އެދިވަޑައިގަންނަވައެވެ.
ވޯޓުލާ މަރުކަޒު ބެލުމަށް ވީއާރު (ސްޕޭސް) އައިޑީކާޑު ނަމްބަރު ޖެހުމަށްފަހު 1414 އަށް މެސެޖު ކުރެވޭނެއެވެ. މީގެ އިތުރުން އީސީގެ ވެބްސައިޓުންވެސް ބެލޭނެއެވެ.
ހަބީބު މިހެން ވިދާޅުވެފައިވާއިރު މިއަދު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ސަރުކާރުން ކެމްޕޭން ނުކޮށް ތިބެ ރީރަޖިސްޓްރޭޝަން އަށް ނުފޫޒު ފޯރު ވަމުންދާކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުވެ ތިބެ ރަޖިސްޓްރޭޝަަން ޗެކް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.









