ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގައިި މުއިއްޒު ކުރި ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ވާދަކުރައްވާ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މި އިންތިހާބުގައި 586 ފޮށި ބެހެއްޓިއިރު، މިހާތަނަށް ގުނާފައިވާ ވޯޓުތަކުން 10،000 ވޯޓުގެ ތަފާތުން މުއިއްޒު އޮތީ ކުރީގައެވެ.
މި މަހުގެ 9 ގައި ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އެއްވެސް ފަރާތަކަށް 50 ޕަސެންޓު ވޯޓު ހޯއްދެވިފައި ނުވާތީ، މި މަހުގެ 30 ގައި ބޭއްވި ވޯޓުލުމުގައި ވާދަކުރެއްވީ ފުރަތަމަ ބުރުން އެންމެގިނަ ވޯޓު ހޯއްދެވި ދެ ބޭފުޅުން ކަމަށްވާ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާއިރު ނައިބު ރައީސަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ. މުއިއްޒަކީ ފެހި ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާއަށް ވާއިރު، މުއިއްޒަކީ ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން އަތޮޅުތެރެއަށް ނިސްބަތްވެވަޑައިގަންނަވާ ދެވަނަ ރައީސް ވެސް މެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ދެވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.









